ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ ރެޑްބުލް ޕޭޕާ ވިންގްސް(ކަރުދާސް ރޮކެޓް)ގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރެއް ރާއްޖޭގައި ބޭއްވުމަށް ރެޑްބުލް އިން ހަމަޖައްސައިފި އެވެ.
ރެޑްބުލް އިން ބުނީ ޕޭޕާ ޕްލޭންސް ނުވަތަ ދިވެހިންގެ މެދުގައި ކިޔާގޮތުންނަމަ ކަރުދާސް ރޮކެޓުގެ ހުނަރުތައް ދައްކާލާ މުބާރާތުގެ ކޮލިފައިން ބުރެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 27 އިން 28 އަށް ކަމަށާއި ޕޭޕާ ވިންގްސް ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދާ ފަރާތަކަށް އޮސްޓްރިއާގެ ސަލްޒްބާގްގައި ހުންނަ ރެޑްބުލް އެއާގެ މައި މަރުކަޒު ކަމަށްވާ ހޭންގާ ސެވަންގައި މޭ މަހު އޮންނަ ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ފައިނަލްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި މުބާރާތަކީ ކަރުދާސް ރޮކެޓުގެ މުބާރާތެއް ނަމަވެސް، މި މުބާރާތުގައި ކުރި ލިބޭނީ އެރޯޑައިނެމިކްސް އަށް ވިސްނައިގެން މުބާރާތަށް ތައްޔާރުވާ ބައިވެރިންނަށް ކަމަށާއި ތިން ކެޓަގަރީއަކުން މި މުބާރާތުގައި ފަނޑިޔާރުކަންކުރާއިރު އެއީ އެންމެ ދުރަށް ދަތުރުކުރުން، ވައިގެ ތެރޭގައި އެންމެ ތަފާތު ގޮތަށް ދަތުރުކުރުން އަދި ވައިގެ ތެރޭގައި އެންމެ ގިނައިރު ހިފެހެއްޓުން ކަމަށްވެސް ރެޑްބުލް އިން ބުނެއެވެ.
ރެޑްބުލް އިން އިތުރަށްބުނީ މި މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ އެއިރޯނޯޓިކަލް ތަޖުރިބާކާރުން ކަމަށާއި މޭ މަހު އޮސްޓްރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް 80 ގައުމެއްގައި ކޮލިފައިން ބުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މި މުބާރާތުގެ ކޮލިފައިން ބުރުގައި 2012 ވަނަ އަހަރު 83 ގައުމަކުން 37000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި މި މުބާރާތުގައި މި އަހަރު ބައިވެރިވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭކަމަށްވެސް ރެޑްބުލް އިން ބުނެއެވެ.
ރާއްޖޭގައި ބާއްވާ ކޮލިފައިން ބުރު ބާއްވަން ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލެރީގައި ކަމަށާއި ތިރީގައި ވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށްވެސް ރެޑްބުލް އިން ބުނެއެވެ.
ލިންކް : http://win.gs/karudhaasrocket