ގައުމަށް ބަގާވާތެއް ގެންނަން އުޅޭ ކަމަށާއި ގައުމަށް ނުރައްކަލެއް ކަމަށް ހީކޮށް މިސްރުގެ ކިޔަވާ ދަރިވަރަކު ހައްޔަރު ކުރުމަށްފަހު އިއްޔެ ދޫކޮށްލައިފި އެވެ.
މިސްރުގެ ފުލުހުން، އުމުރުން 21 އަހަރުގެ މުހައްމަދު ތާހާ ހައްޔަރު ކުރީ ސަލާމަތީ ބާރުތަކުގެ ފޮޓޯ ނަގަމުން ދަނިކޮށް އޭނާއަކީ ނުރައްކަލެއް ކަމަށް ތުހުމަތު ކޮށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އަތުގައި އޮތް ނޯޓް ފޮތެއްގައި، މުސްލިމް ހަލީފާއެއްގެ ވާހަކައާއި ބަގާވާތެއް ގެނައުމުގެ ވާހަކަ ލިޔެފައި އޮތް ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.
ތާހާ ދޫކޮށްލުމަށްފަހު މިސްރުގެ ގީޒާ ސްޓޭޓް ސެކިއުރިޓީގެ ޑިރެކްޓަރު މުހައްމަދު ފާރޫގް ބުނީ އޭނާ ދޫކޮށްލީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ތާހާއަކީ ނުރައްކަލެއް ނޫން ކަމަށް ނިންމުމަށް ފަހުގައި ކަމަށެވެ. އަދި ތާހާއަކީ މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ ދަރިވަރެއް ނޫން ކަމަށްވެސް ފާރޫގް ވަނީ ބުނެފަ އެވެ.
ފާރޫގް އިތުރަށް ބުނެފައިވަނީ ގީޒާ ސްޓޭޓްގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވަނީ ނުރައްކަލެއް އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައި ވުމުން ކަމަށެވެ.