ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއް ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމައްސަަލަ ބެލުމަށް މިހާރު އެކުލަވާލާފައިވާ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ހައިކޯޓުން މިއަދު ބުނެފި އެވެ.
އެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަނީ އެ މައްސަލައިގެ ދައުވާ ލިބޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެ ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެ ކޯޓުގެ ލަފާގެ މަތިން ކުރާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެހެންކަމުން އެމައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދިނުމަށް ޖޭއެސްސީގެ ވަކީލް އެދިވަޑައިގެންނެވި އެވެ.
ދޮޅު އަހަރު ފަހުން މިއަދު ހެނދުނު ހައި ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ކުރާ ފަރާތްކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ދައުވާއަށް އިސްލާހެއް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުން އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދާއެކު ހައިކޯޓުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ދައުވާއަށް އިސްލާހެއް ހުށަހެޅުމަށް އެދިވަޑައިގަންނަވާނަމަ އެ އިސްލާހެއް މިއަދު ހެނދުނު 9:30 ގެ ކުރިން ހައި ކޯޓަށް ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އިޖުރާއީ މައްސަަލައާ މެދު ގޮތެއް ނިންމުން ކަމަށެވެ. އަދި އެ އަޑުއެހުން އަންނަ ހަފުތާގައި އޮންނާނެ ކަމަށް ފަނޑިޔާރު އައްބާސް ވިދާޅުވި ނަމަވެސް މައްސަލަ އޮންނާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަަލައިގަ އެވެ. އެ މައްސަލާގައި ކޮށްފައިވަނީ ކުށެއް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ.