ބޭރުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްދާ ދިވެހިން ހުއްޓުވުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުއައްޒަފުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާެއްގައި ވިދާޅުވީ ރާއްޖެއިން ބޭރު ގައުމުތަކުގައި ކުރިއަށްދާ ހަނގުރާމަތަކުގައި ބައިވެރިވާން ބައެއް ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ. އެފަދަ ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
އެކަންކަން އެންމެ ބޮޑަށް ހުއްޓުވޭނީ އެފަދަ ފަރާތެއްގެ މައުލޫމާތު ލިބޭނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅައިގެން ކަމަށް ވިދާޅުވި އެވެ.
ގައުމުގެ ކަންބޮޑުވުން އޮންނަ ކޮންމެ މައްސަލައަކީ ފުލުހުންވެސް ކަންބޮޑުވާނެ މައްސަލައެއް ކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ގެއްލޭ މީހުން ހޯދުމަށް ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުން އަނިޔާއިން ސަލާމަތް ކުރުމަށްވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދު ނަމަވެސް ދިވެހި ވެށި އަމާންކުރުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށްވުރެ މިއަހަރު ކުރެވޭ މަސައްކަތްތަކެއް އިތުރުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސީޕީ ހުސައިން އިތުރަށް ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައި ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ޓީމުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އަދި އެމަސައްކަތްތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށެެެވެ.