ގާނޫނީ ވަކީލު ނަޖީބު މަރާލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ މުއްރަތު -- ފޮޓޯ: ހަވީރު
ގާނޫނީ ވަކީލު ނަޖީބު މަރާލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ މުއްރަތު -- ފޮޓޯ: ހަވީރު

ނަޖީބު މަރާލި މައްސަލައިގެ ޝަރީއަތުގައި ފުލުހުން ވަކި ގޮތަކަށް ވާހަކަދައްކަން ބުނި: މުއްރަތު

ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލައިގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ދިއައިރު ފުލުހުން ބިރުދެއްކުމުން  ކަން ހިނގި ގޮތް ހަގީގަތަށް ކިޔައިނުދެވުނު ކަމަށް ނަޖީބު މާރިކަމުގެ ކުށް ސާބިތުވެފައިވާ މ. މަސްރޫރާ އަހުމަދު މުއްރަތު ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލިކަމުގެ ކުށް މުއްރަތުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި މުއްރަތު ފުލުހުނަ ބުނި ވގޮތަށް ވާހަކަ ނުދައްކައިފި ނަމަ މައިންބައިފައިން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުން ދިން ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ވާހަކަ ދެއްކީ މައިންބަފައިން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ކަމަށް ތަކުރާރުކޮށް މުއްރަތު ބުންޏެވެ.

މުއްރަތު ވަނީ ނަޖީބަށް ހަމަލާދިން ވަގުތު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހަމަ ބުއްދި ފިލާފައިކަން ސާބިތުކުރަން ބައެއް ލިޔުންތައް ވެސް ހުށަހަޅައިފަ އެވެ. އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު މީގެ ކުރިން ވިދާޅުވީ އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ މަސްތުވާތަކެއްޗަކީ ކުށްވެރިން ޖަރީމާތަކަށް އަރައިގަތުމަށް ބޭނުންކުރާ ވަސީލަތަކަށް ވެ، މުޖުތަމައު ފަސާދަވެގެން ހިނގައިދާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އޭގެ އިތުުރުން ނަޖީބު މަރާލި ހާދިސާ ހިނގިއިރު އެތަނަށް އެންމެ ފުރަތަމަ ދިޔަ ފުލުހުންނަށް އެ ހާދިސާ ހިނގި ގޮތް އެނގޭނެ ކަމަށާއި އެކަން ކިޔައިދިނުމަށް ފުލުހުން ހާޒިރުކޮށްދޭން މުއްރަތު ކޯޓުގައި އެދުނެވެ.

ދައުލަތުން އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައި ދިނުމަށެވެ.

ޖޫން، 2012 ގައި މުއްރަތާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ މެރުމަށް ކުރި ހުކުމް އެ ދެ މީހުންގެ ފަރާތުން ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް އެ ދެ މައްސަލަ ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

ހަނާގެ މައްޗަށް އިއްވި މަރުގެ ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ވެސް ހައި ކޯޓުގައި ކުރިއަށް ދާއިރު އެ މައްސަލައިގައި މިހާރު އޮތީ ދައުލަތުގެ ޚަރަދުގައި ހަނާ އަށް ވަކީލަކު ހޯދުމުގެ މަރުހަލާ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *