18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި މީހާއަކީ ހުޅުދެއްޔަށް ނިސްބަތްވާ މީހެއް ކަމަށެވެ.
ދ. ހުޅުދެލީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަމުންދާކަމަށް 2014 ޖެނުއަރީ 26 ވަނަ ދުވަހު ޢާއްމު ފަރާތަކުން، ދ. ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން 2014 ޖެނުއަރީ 27 ވަނަ ދުވަހު، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ކުޑަހުވަދޫ ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސްގެ ޓީމެއް ހުޅުދެއްޔަށްގޮސް މިމައްސަލަ އާއި ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހު ފުލުހުން މިމައްސަލާގައި ތުހުމަތު ކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެންމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެމީހާ ހައްޔަރުކޮށްފައިވަނީ ކަންނެލި މަސްވެރިކަމަށް ނުކުމެ ކަނޑުމަތީގައި އުޅެނިކޮށް ފުލުހުންގެ ލޯންޗެއްގައި ކަންނެލި އޮޑި އޮތް ހިސާބަށް ގޮސް ކަނޑުމަތިން ކަމަށާއި މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 28 ވަނަދުވަހު ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތު ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ.