އައްޑު ސިޓީ ހިތަދޫ ގެއެއްގެ ފާޚާނާތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަންހުރި ކަމަށް ބެލެވޭ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މިއަދު މެންދުރު 11:50 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ އުޅޭ ގޭގެ ފާޚާނާ ތެރޭގައި ހުއްޓާ ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ހުރި ފާޚާނާތެރެ ބަލައި ފާސްކުރިއިރު ކަމަށާއި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ 3 ފަހަރުމަތިން ހުއްޓުވައި ސުވާލުކޮށް 5 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 3 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަންކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި މަސްތުވާތަކެތީގެ މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.