ޖޯޑަންގެ ޖަލުގައި ހުރި ސާޖިދާ އަލް ރިޝާވީ މިނިވަން ކޮށްފި ނަމަ އައިއެސްއިން ރަހީނުކޮށްފައިވާ ޖަޕާނުގެ ކެންޖީ ގޯޓޯ މިނިވަން ކުރާނެ ކަމަށް އައިއެސްއިން ބުނެފައިވާއިރު ސާޖިދާ އަލްރިސާވީ މިނިވަންކުރަން ތައްޔާރުކަމަށް ޖޯޑަން އިން ބުނެފި އެވެ.
ނަމަވެސް ޖޯޑަން އިން ބުނެފައިވަނީ ސާޖިދާ މިނިވަން ކުރާނީ އައިއެސްއިން ރަހީނުކޮށްފައިވާ ޖޯޑަންއަށް ނިސްބަތްވާ ޕައިލެޓް މާޒް މިނިވަން ކުރުމުން ކަމަށެވެ.
ޖޯޑަންގެ ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ތަރުޖަމާނު މުހައްމަދު އަލް މޮމާނީ ވިދާޅުވީ ޕައިލެޓް މާޒް މިނިވަން ކޮށްފިނަމަ ސާޖިދާ މިނިވަން ކުރާނެ ކަމަށެވެ. ޖަޕާނުގެ ކެންޖީ ގޯޓޯއާ ބެހޭގޮތުން ޖޯޑަންގެ ތަރުޖަމާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޖޯޑަން އިން ސާޖިދާ ހައްޔަރުކުރީ 2005 ވަނަ އަހަރު ޖޯޑަންގައި ދިން ބޮމުގެ ހަމަލާ ތަކަކާއި ގުޅިގެންނެވެ. އެ ހަމަލާތަކުގައި 60 އަށްވުރެ ގިނަ މީހުން މަރުވި އިރު ސާޖިދާ ވަނީ ބޮން ގޮއްވުމުގެ ހާދިސާގައި އަމަލީގޮތުން ހަރަކާތްތެރިވި ކަމަށް އިއުތިރާފު ވެފައެވެ.
ޖޯޑަން އިން ސާޖިދާ މިނިވަން ކުރަން ތައްޔާރުކަމަށް ބުނެފައިވާއިރު ސާޖިދާ މިނިވަން ކުރުމަށް އައިއެސްއިން އެދިފައިވަނީ ޖަޕާނުގެ ކެންޖީ ގޯޓޯގެ ބަދަލުގަ އެވެ. އައިއެސްއިން ޖަޕާނުގެ ދެމީހަކު ރަހީނުކުރިއިރު އެތަނުން އެކަކުގެ ކަރު އައިއެސްއިން ވަނީ ބުރިކޮށްލާފައެވެ. އެކެއްގެ ކަރު އައިއެސްއިން ބުރިކޮށްލީ ޖަޕާނަށް ކުރި ޑިމާންޑަށް ޖަޕާނުން އިޖާބަ ނުދިނުމުންނެވެ.