ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފި އެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވަޖިބަށް ހުރަސްއެޅި ކަމުގެ ދައުވާއެވެ. އެ ދައުވާ ކުރީ ރިޔާޒުފެ ފޯނު ހުޅުވައިދޭން ފުލުހުން އެދުމުން ލޮކް ކޯޑު ހަނދާން ނެތް ކަމަށް ބުނެ ފޯނު ހުޅުވައި ނުދިނުމުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި މިގޮތަށް ހުކުމް ކުރީ މައްސަލަ ބެއްލިެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަހުމަދު ޝަކީލާއި، އާދަމް އާރިފު އަދި އަލީ އާދަމް އެވެ.
ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ރިޔާޒުގެ މައްޗަށް ހެކި ހޯދުމުގައި މެންބަރުންގެ އިމްތިޔާޒު ގާނޫނާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒާއި ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެ އެވެ.
ރިޔާޒުގެ ފޯނު ހުޅުވުމަށް ފުލުހުން އެދުނު ރޭ އޭނާ ހައްޔަރު ކުރީ ކުނޫޒުގައި އޮތް ޖަލްސާއަކަށް ވަޑައިގެންނަވަނިކޮށެވެ. އިމްތިޔާޒު ގާނޫނު ބުނާގޮތުން މެންބަރަކު ހައްޔަރު ކުރެވޭނީ ކުށުގެ ވެށިން އެކަންޏެވެ. އެނޫން ގޮަތަށް ހައްޔަރު ކުރާނަމަ ޕްރޮސެކިއުޓާ ޖެނެރަލް އެކަމަށް ކޯޓުގައި އެދެން ޖެހެއެވެ.