ގޯތިތަކެއްގެ މައްސަލައެއްގައި މިމަހު 25 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ލ.ގަމު ކައުންސިލްގެ ކުރީގެ ރައީސާއި އެ އިދާރާގެ ދެ މުވައްޒަފުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ އެ ތިން މީހުން ހައްޔަރުކުރީ ފުލުހުން ބަލަމުން އަންނަ މަކަރާ ހީލަތުގެ މައްސަލައެއްގައި ކަމަށެވެ.
އެ ތިން މީހުން ހައްޔަރު ކުރުމުގެ ކުރިން އެރަށު ކައުންސިލް އިދާރާއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާއިރު އެ ތިން މީހުން ބޭނުންކުރި ކޮމްޕިއުޓަރުގެ ހާޑް ޑިސްކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގަމު ކައުންސިލް އިދާރާ އަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާ ފާސްކުރީ އެ ރަށުން ގޯތި ދުކުރުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާ ގުޅުން ހުރި ފަރާތްތަކަށް ގޯތި ދޫކުރަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.