ހައްޖު ރިޕޯޓު 30 ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ގޮތަށް "ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" ވަނީ އާންމުކޮށްފައި
ހައްޖު ރިޕޯޓު 30 ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ގޮތަށް "ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" ވަނީ އާންމުކޮށްފައި

ހައްޖު ރިޕޯޓު 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފި

ހައްޖުގެ އަޅުކަން އަދާކޮށް ނިމިގެން ރާއްޖެ އަންނަތާ 30 ދުވަހުގެ ތެރޭގައި ހައްޖަށް މީހުން ގެންދިޔަ ކުންފުނިތަކުން ހައްޖު ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ”ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު“ ގެޒެޓްކޮށްފި އެވެ.

އިއްޔެ ގެޒެޓު ކުރި އެ އުސޫލުގެ ދަށުން ހައްޖު ރިޕޯޓުގައި ހައްޖަށް މީހުން ގެންދިޔަ ގޮތުގެ ތަފްސީލާއި މީހުން ގެންދިޔަ އަދަދާއި ދެވުނު ހިދުމަތްތަކުގެ އިތުރުން މައްސަލައެއް ދިމާވިނަމަ އެކަމެއް އެނގެން އޮންނަން ޖެހެއެވެ. ދެވޭ ހިދުމަތްތަކާއި އެހެނިހެން ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ހުށަހަޅާ ކަންތައްތައްވެސް ރިޕޯޓުގައި ފާހަގަ ކުރަން ޖެހޭއިރު އިސްލާމިކް މިނިސްޓްރީއަށް ރިޕޯޓު ނުފޮނުވާ ކުންފުނިތަކަށް ޖެހިގެން އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތި ނުލެވޭ ގޮތަށް ވަނީ ހަދާފައި އެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދެވޭ ކޮންމެ ކުންފުންޏަކަށްވެސް ހުއްދަ ދެވޭނީ އެއް އަހަރަށެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް އެދި ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

ރާާއްޖެއިން ހައްޖަށް ގެންދިއުމަށް ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދޭ ޕްރޮޕޯސަލް ހުށަހަޅާއިރު ހައްޖަށް ގެންދާ ކޮންމެ މީހަކަށް ބޮލަކަށް ނަގަން ހުށަހަޅާ އަގުގެ 25 ޕަސެންޓް ގެ ބޭންކް ގެރެންޓީއެއް އެއް އަހަރުގެ މުއްދަތަށް ނަގައި، އެ ގެރެންޓީ އާއި އެކަމާ ބެހޭ ލިޔުންތައް މިނިސްޓްރީއަށް ހުށަަހަަޅަންޖެހެ އެވެ. ބޭންކް ގެރެންޓީއިން ހައްޖުގެ ކަމަކާ ގުޅިގެން ކުންފުނިން ކުރަންޖެހޭ ހަަރަދެއް ނުދައްކައި އޮތްކަމަށް މިނިސްޓްރީން ބަލާބެލުމުން އެނގިއްޖެނަމަ، އެކަމަށް ބޭންކް ގެރެންޓީއިން ފައިސާ އުނިކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެންވާ ކަަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިވެހި ހާޖީން ހައްޖަށް ގެންދިއުމުގައި ބާރާއި އިމްތިޔާޒުތަކެއް ލިބިގެން ވެއެވެ. އެގޮތުން ހައްޖަށްދާން ގަސްދުކުރާ ދިވެހި ރައްޔިތުންގެ އަތުން އަހަރުގެ ކޮންމެ ވަގުތެއްގައިވެސް ފައިސާ ބަލައިގަތުމުގެ އިހުތިޔާރާއި ހައްޖަށް ގެންދިއުމަށް ފައިސާ އަދި ހިދުމަތްތައް ތަފާތުވާ ގޮތުގެ މަތިން އެކި ފެންވަރުގެ އަދި އެކި އަގުތަކުގެ ޕެކޭޖް ހަދައި އެކަން އާންމުންނަށް އިއުލާން ކުރުމުގެ އިހުތިޔާރު ހައްޖު ކޯޕަރޭޝަނަށް ލިބިގެން ވެއެވެ.

އިއްޔެއިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ގެޒެޓުގައި ޝާއިއުކޮށްފައިވާ ”ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު“ ވަނީ ބާޓިލްވެފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *