ޗައިނާގެ ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މެރިޓައިމް ސިލްކް ރޫޓާއި ބެހޭ ވާހަކަ ހިމެނޭކަން އާންމުކޮށް ލިބެން ހުރި ރަސްމީ ލިޔުންތަކުން އެނގެން އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިހެން ވިދާޅުވީ މިމަހު 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރަކު، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ކުރެއްވި ސުވާލުގެ ޖަވާބުގައި، މެރިޓައިމް ސިލްކް ރޯޑްގައި މި ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ބައިވެރިވެފައިވާ ކަމަށާއި، އަދި ޗައިނާގެ ރައީސް ދާދިފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެފަދަ މަޝްވަރާތަކެއް ކުރެއްވި ކަމަށް ވިދާޅުވި ވިދާޅުވުމަކީ މިނިސްޓަރު ހެއްދެވި އިތުރު ފުޅެއް ކަމަށް އެމްޑީޕީއާއި ބައެއް މީޑިއާތަކުގައި އެވާހަކަ ފަތުރާފައިވާތީ ނެރުނު ބަޔާނެއްގަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ޗައިނާގެ އެފަދަ ރަސްމީ ލިޔުމެއްގެ ލިންކް ހިއްސާ ކޮށްފައިވާއިރު ”މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ“ ގެ ވެބްސައިޓްގައި ސެޕްޓެމްބަރު 18 ގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ ޗައިނާ ރައީސާއި އިންޑިއާގެ ބޮޑުވަޒީރާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުމުގައި މުހިންމު 4 ކަމަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އެ ލިޔުމުގެ 7 ވަނަ ޕެރެގްރާފްގައި ބުނެފައިވަނީ ސިލްކް ރޯޑާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރީ އެ ބައްދަލުވުމުގެ ތިންވަނ ކަމެއްގެ ގޮތުގައި ކަމަށެވެ.
”Third, both sides should accelerate the construction of the Bangladesh-China-India-Myanmar (BCIM) Economic Corridor, conduct cooperation within the frameworks such as the Silk Road Economic Belt, the Maritime Silk Road of the 21st Century and the Asian Infrastructure Investment Bank to promote the process of regional economic integration and connectivity. Both sides should work together to establish an open, transparent, equitable and inclusive security and cooperation framework in the Asia-Pacific region.“ އެފްއެމްޕީއާރުސީ އިން އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މެރިޓައިމް ސިލްކް ރޯޑުގައި ބައިވެރިވުމުގެ މަސައްކަތާއި، އަދި މި ސަރުކާރުގެ އެހެންވެސް ހާރިޖީ ސިޔާސަތުގެ ހުރިހާ ނިންމެވުންތައް ނިންމެވުމުގައި ރައީސުލް ޖުމްހޫރިއްޔަ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެންމެ މުހިއްމު މަގްސަދަކީ ގައުމީ ސިޔާސަތު ރައްކާތެރި ކުރުމާއި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުމާއި، ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާ އިތުރު ކުރުން ކަމަށެވެ.
އަދި ހަމަ އެހެންމެ ދިވެހި ރާއްޖޭގެ ސަލާމަތާ ހަމަޖެހުން ވަނީ ދެކުނު އޭސިއާ އާއި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައި ކަމަށްވާތީ ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި މަޝްވަރާ ކުރަންޖެހޭ ހުރިހާ ފަރާތްތަކާ ރާއްޖެއިން އަބަދުވެސް މަޝްވަރާ ކުރާނެ ކަމަށާއި ރާއްޖޭގެ ގައުމީ މަސްލަހަތުގެ މައްޗަށް އެހެން ގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް މިސަރުކާރުން ވާގިވެރި ނުވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މެރިޓައިމް ސިލްކް ރޯޑާ ބެހޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުމުގައި އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތު ކުރިއަށްނެރޭ މީޑިއާތަކުން ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަށް ނެރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ކުރިއަށް ނެރުމަކީ ރާއްޖޭގެ ރައްޔިތުން އެކަމާ ދެރަވެ ކަންބޮޑުވާ ކަމެއްކަމަށެވެ.
One Response
ކޮބާ ކޮބާ އަދިވެސް ތަނެއް ދޮރެއް ނުބަލާ އިންޑިއާ އާ އެއްބައިވެގެން ފާޑު ފާޑުގެ ވާހަކަ ދައްކާތި، އެއޮތީ ސާފު ހެކި ފެންނަން ދެން ކިޔާނީ ކީކޭބާ !