ކޯލީޝަން ރޫޅިއްޖެނަމަ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ ސަރުކާރު އުފެދުނީ ކޯލީޝަނަކުން ކަމަށާއި ކޯލީޝަން ރޫޅިއްޖެ ނަމަ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމަށެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީންވަނީ ސަރުކާރު ކޯލީޝަނުން ވަކިވުމަށް އިއްޔެ ނިންމާ އެކަން އިއުލާނުކޮށްފަ އެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ، ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އަދި އަދާލަތު ޕާޓީވެސް ހިމެނޭ ފުޅާ ކޯލީޝަނަކުންނެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މަގާމުން ވަކި ކުރެއްވި ދުވަހުން ފެށިގެން ޝެއިޚް އިމްރާނު އަންނަނީ މިފަދަ ޓްވީޓްތައް ކުރައްވަމުންނެވެ. އެގޮތުން އިމްރާނު ކުރައްވާފައިވާ ޓްވީޓްތަކަށް ބަލާލާއިރު، ދައުރުގެ މެދުތެރެއިން ސަރުކާރު ބަދަލުވާނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވަރަށް ގިނަ ގޯސްތައް ހެއްދެވީމަ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވެއެވެ.
އަދި ގައުމުގެ މިސްރާބު ހިފާފައިހުރީ ގަދަ ތޫފާނަކާ ދިމާލަށް ކަމަށާއި މިސްރާބު ބަދަލު ނުކޮށްފިނަމަ ގައުމު ފުނޑުފުނޑު ވެދާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވެއެވެ.