ޗައިނާގެ ސިލްކް ރޫޓްގައި ރާއްޖެއިން ބައިވެރިވަނީ އޭގެ ސަބަބުން ރާއްޖޭގެ ދީނާއި ސަގާފަތައް އެކަމުން އެއްވެސް ގެއްލުމެއް ނުލިބޭނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޗައިނާގެ ސިލްކް ރޫޓުގައި ބައިވެރި ވުމަށް ނިންމީ ވަރަށް ގިނަ ގޮތް ގޮތުން ބެލުމަށް ފަހު ރާއްޖެއަށް އިގްތިސާދީ ގޮތުން އެންމެ ފައިދާ ކުރާނީ ބައިވެރިވެގެން ކަމަށް ސަރުކާރުން ދެކޭތީ ކަމަށެވެ. ރައީސް ވިދާޅުވީ ޗައިނާގެ ސިލްކް ރޫޓުގައި ބައިވެރިވުމަކީ ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެ ކަމެއް ނޫންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، ޗައިނާގެ ސިލްކް ރޫޓުގައި ބައިވެރިވުމަށް ޝަރުތެއްގެ ގޮތުގައި ދީނީ ހަމަހަމަކަން ގާއިމް ކުރުމަށް އެ ގައުމުން ނޭދޭ ކަމަށެވެ.
”އަޅުގަނޑުމެން ސިލްކް ރޫޓުގައި މި ބައިވެރިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް. ބައެއް ފަރާތްތަކުން އެބަބުނޭ، ޔޫރަޕްގެ ގައުމުތަކާއި ގުޅުން ބަދަހިކޮށް މިފަދަ އެއްބަސްވުމެއް އެކުލަވާލާނަމަ އެބަޖެހޭ ދީނީ މިނިވަންކަން ދޭން. އެއީ މިރާއްޖޭގައި އަޅުގަނޑުމެން ދޭން ބޭނުންވާ ފުރުސަތެއް ނޫން. މި އެއްބަސްވުން އެކުލަވާލިޔަސް އަޅުގަނޑުމެންގެ އާދަކާދަ ބަދަލު ކުރާކަށް ނުޖެހޭ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިލްކް ރޫޓުގައި ބައިވެރިވުމަށް ޗައިނާއިން ދިން ފުރުސަތު ދިވެހި ސަރުކާރުން އީޖާބީ ގޮތަކަށް ބަލައިގަތީ އުފާވެރިކަމާއި އެކުގައި ކަމަށެވެ. ސަބަބު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ ޗައިނާއަކީ މިއަދު އިގްތިސާދީ ގޮތުން ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ގައުމުކަމަށެވެ. އަދި އެގައުމާއި އެކު އިގްތިސާދީގޮތުން ގުޅުން ބަދަހި ކުރުމަކީ ގައުމު ކުރިއަށް ގެންދިއުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.