ކެޕިޓަލް ވަން ކަޕްގެ ސެމީފައިނަލް ފުރަތަމަ ލެގުގައި ރޭ ލިވަރޕޫލް އަދި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ލިވަރޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތިޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މެޗު ކޮންޓްރޯލް ކޮށްފައިވަނީ ލިވަރޕޫލްއިންނެވެ.
ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނެލްޓީން އެޓީމު ލީޑު ނެގިއެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ އެޑިން ހަޒާޑެވެ. މިއީ ހަޒާޑް މި ސީޒަންގައި ކާމިޔާބުކޮށްދިން ހަތަރުވަނަ ޕެނެލްޓީއެވެ.
މެޗުގެ ފުރަތަމަ ހާފް މި ނަތީޖާއާއި އެކު ނިންމާލިނަމަވެސް މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުމެ ލިވަރޕޫލްއިންވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޗެލްސީ ކީޕަރ ކޯޝުއާގެ ގިނަ ސޭވްތަކެއް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ 59 ވަނަ މިނެޓިގައި ސްޓަރލިންގެ މޮޅު ސޯލޯ ގޯލާއެކު ލިވަރޕޫލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ރަހީމް ސްޓަރލިން ލީގުކަޕްގައި ކާމިޔާބުކުރި ތިންވަނަ ގޯލައެވެ.
މި ދެޓީމް ޗެލްސީގެ ސްޓެންފޯރޑް ބްރިޖްގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.