ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި 150 ސައިކަލު ފުލުހުންގެ މުއައްސަސާ އާއި މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީ ބޮޑުތަކުރުފާނު މަގުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނާ ސައިކަލްތައް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކަންގް އެވެ. ފުލުހުންގެ ފަރާތުން ސައިކަލްތަކާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.
ޗައިނާ ސަރުކާރުން ހަދިޔާކުރި 150 ސައިކަލުގެ ޖުމްލަ އަގަކީ ދެ މިލިއަން ޔޫއާންއެވެ. އެ ސައިކަލް ތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަން 2012 ވަނަ އހަރު ބަދަލުވުމާއި ގުޅިގެން ފެބްރުއަރީ މަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ވެހިކަލްތައް އަންދާލުމާއި ގުޅިގެން ޗައިނާއިން ހަދިޔާ ކުރި ސައިކަލް ތަކެކެވެ
ސައިކަލްތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހުސައިން ވަހީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ފުލުހުންގެ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަންތައްތައް ރަނގަޅުކުރުމަށް ފުރިހަމަ ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުން ވެދިން އެހީގެ ސަބަބުން ފުލުހުންގެ ޒިންމާ އަދާކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން، ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ވަރަށް ބާރު މިނެއްގައި ކުރިއަރާފައިވާ ކަމަށެވެ. ފޫކާން ވިދާޅުވީ
ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެ، ޗައިނާގައި ބާއްވާ ޓްރޭނިން ޕްރޮގްރާމްތަކުގައި ބައިވެރިވާ ދިވެހި ފުލުހުންގެ އަދަދު ވެސް ދަނީ އެއް އަހަރަށް ވުރެ އަނެއް އަހަރު އިތުރުވަމުންނެވެ. މިއަދު ހަދިޔާކުރި ސައިކަލުތަކުގެ ސަބަބުން ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުވުމާ އެކު، ދެ ގައުމުގެ ފުލުހުންގެ ދެމެދު ކުރެވޭ މުއާމަލާތްތައް ފުޅާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސައިކަލުތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ބޭނުންކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.