މާލެ އިތުރަށް ތަރައްގީ ކުރެވޭނީ މާލެ ސަރަހައްދު ތަރައްގީ ކުރެވިގެން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓާ ޑރ މުހައްމަދު މުއިޒް ވިދާޅުވީ މާލެ ތަރައްގީ ކުރުމަށް މިހާރު އެޅިފައިވާ ހުރަސް ހައްލުކުރެވޭނީ ހުޅުމާލެއާއި ވިލިމާލެއާއި، ގުޅީފަޅުގެ އިތުރުން ހުޅުލެއާއި ތިލަފުށި އިތުރަށް ތަރައްގީ ކުރެވިގެން ކަމަށެވެ. މިނިސްޓާ ވިދާޅުވީ މާލެ ތަރައްގީ ކުރުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާއި އޭގެ ތެރޭގައި މާލޭގައި މިހާރު ކުރަމުންދާ ބައެއް މަސައްކަތްތައް އެހެން ރަށްރަށަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ވަނީ މާލޭގައި މިހާރު ކުރަމުންދާ ވަޑާމުގެ މަސައްކަތަކާއި ގަރާޖުތަކުގައި ކުރަމުންދާ މަސައްކަތްތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ނިންމާފައެވެ. އަދި މަގުތައް ތަރައްގީ ކުރުމަށް މަގު ހެދުމުގެ ޕްލޭނެއްވެސް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ނެވެ.
ޑރ މުއިޒް ވިދާޅުވީ މަލޭގެ ތަރައްގީއަށް މިވަގުތު އޮތް ހުރަހަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ކަމަށާއި، އެކަންކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
”މާލެއަށް ތަރައްގީ ގެނެވެން އޮތީ މި ސަރަހައްދު ތަރައްގީކޮށްގެން. އެ މަސައްކަތް މިހާރު ކުރިޔަށް މިދަނީ. މާލެ ތަރައްގީ ކުރުމަށް މަގުތައް ހެދުމަކީ މިހާރު ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއް. އެކަން ކުރުމަށް ހުޅުވާލުމުން 11 ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރި. އެ ފަރާތަތަކަށޤ ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރުވާނީ ދީފައި. އޭގެ ފަހުން މަސައްކަތް ފެށޭނެ ކަމަށް މިބެލެވެނީ ވަރަށް އަވަހަށް،“ މިނިސްޓާ ވިދާޅުވި އެވެ.
މާލެ އަލުން ތަރައްގީ ކުރުމަށް ހަދާ ޕްލޭންގެ މަސައްކަތް މިހާރު ހައުސިންގ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ސިންގަޕޫރުގެ ކަމާ ބެހޭ މާހިރެއްގެ އެހީ ދަނީ ހޯދަމުންނެވެ. އަދި މި ހަފްތާތެރޭ އޭނާއާއި އެކު ކުރަންޖެހޭ މަޝްވަރާތައް ފަށާނެ އެވެ.