ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށް ގަތަރުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު ވިދާޅުވެއްޖެ އެވެ.
ގަތަރުން ރާއްޖެއަށ ކަނޑައެޅުއްވި އާ ސަފީރު، ރާޝިދު ޝާފިޢާ ސައީދު ޝާފިޢާ އަލް ފަހައިދާ އަލް މާއްރީ، މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އެރުއްވުމަށްފަ ދެއްކެވި ވާހަކަފުޅު ގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޤަތަރުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ޤަތަރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.