ސައިކަލެއް ވަގަށްނަގައިގެން ދުއްވި މީހަކު ހަ މަހަށް ޖަލަށް

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ޙުކުމްކޮށްފައިވަނީ މާލެ، މ. ހިކަދިމާގެ، ޙަސަން ނާޡިމް (40އ) ގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަންކުރުމުގެ ދަޢުވާ އެވެ. މި ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، އޭނާ 2014 ޖެނުއަރީ 09 ވަނަ ދުވަހު އީވް ކްލިނިކް ކައިރިން ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވި މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ކޮށްފައިވާ ހުކުމުގައި ބުނަނީ، ޙަސަން ނާޡިމް އެދުވަހު ދުއްވީ އެހެން މީހެއްގެ ސައިކަލުކަން ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދަޢުލަތަށް ސާބިތުވާހިނދު، އެ ސައިކަލަކީ ޙުސައިން ކިޔާ މީހަކު އޭނާ ދުއްވަން ދިން ސައިކަލެއް ކަމަށް އޭނާ ބުނި ނަމަވެސް، އޭނާއަށް އެ ސައިކަލު ލިބުނުގޮތެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ވައްކަން ކުރުމުގެ ކުށުން ޙަސަން ނާޡިމް ކުށްވެރިވާކަމަށެވެ.

އެހެންކަމުން، މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވި  ފުރަތަމަ ފަހަރުކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ނާޡިމް 6 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *