ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2014 ނޮވެމްބަރު 8 ވަނަ ދުވަހު ބަޔަކު މީހުން މާލޭގައި ބޭއްވި ސައިކަލު ބުރުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދުއްވި ސައިކަލުގެ ކުރީ ނަންބޯޑު އޮތީ މަގުމައްޗަށް ވެއްޓިފައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެދުވަހު ސައިކަލު ބުރުގައި ބައިވެރިވި މީހުންގެ ތެރެއިން މީހެއްގެ ސައިކަލުގެ ކުރީ ނަންބޯޑު މަގުމަތީގައި އޮތްކަން ޢާއްމު ފަރާތަކުން އެވަގުތު މަގުމަތި ބަލަހައްޓަން ތިބި ފުލުހުންނަށް އެންގުމާއެކު އެ ނަމްބޯޑުގެ ވެރިފަރާތް ހޯދުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ.
އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު އެ ނަންބޯޑަކީ 2014 ނޮވެމްބަރު 8 ވަނަ ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ދުއްވި ސައިކަލުގެ ނަންބޯޑުކަން ފަހުން ފުލުހުންނަށް އެނގުނު ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެލި ބެލުމުން އެނގިފައިވަނީ އެދުވަހުގެ ސައިކަލު ބުރުގައި ދުއްވި، ޑޮމެއިން ނަމްބަރު 3322 ސައިކަލުގެ ފަހަތު ނަންބޯޑު ހުރިކަމާއި ކުރީ ނަންބޯޑު ވެއްޓިފައިވަނީ ސައިކަލު ބުރު ފެށި ހިސާބުންކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ނަންބޯޑު ސައިކަލުގެ ވެރިފަރާތާއި ޙަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.