ވެސްޓަރން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރ ކާލް އޯ ކެލަޚާން ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ފުލުހުން ބުނީ މިޖެނުއަރީ މަހުގެ 12 ން 20 އަށް ވެސްޓަރން އޮސްޓްރޭލިޔާގެ ކޮމިޝަނަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ރިޓަޔަރޑް އަދި ވެސްޓަރން އޮސްޓްރޭލިޔާ ޕޮލިސްގައި ޚާއްސަ ކޮންސަލްޓަންޓެއްގައި ގޮތުގައި މަސައްކަތްކުރައްވާ އިބްރާހިމް ލަތީފް ކަމަށެވެ.
ވެސްޓަރން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރ ރާއްޖެއަށް ނުރަސްމީ ދަތުރުފުޅެއްގަ ވަޑައިގެންނެވިނަމަވެސް މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ފުލުހުން އެގްޒެކެޓިވް އޮފިސަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިސް ބޭފުޅުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި، ދިވެހި ފުލުހުންގެ މަސައްކަތްތައް ބައްލަވާލަވައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުންވެދެއްވޭނެ އެހީފުޅުތަކާ މަޝްވަރާ ކުރުމަށް ފުލުހުން އެކި ޑައިރެކްޓްރޭޓް އަދި ކޮމާންޑްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ “ތާސްޑޭ ފޯރަމް” ގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާގޮތަށްވެސް ހަމަޖެހިފައިވާކަމަށެވެ.