ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ “ޗާލީ ހެބްޑޫ” ގެ މަރުކަޒަށް ގޮތްނޭނގޭ ބަޔަކު ވަދެ ހަމަލާ ދިން ދުވަހާ ޖެހިގެން އައި ދުވަހު ފްރާންސްގެ އަންހެން ފުލުހަކަށް ބަޑިޖަހާ މަރާލީ އައިއެސްއަށް ނިސްބަތްވާ މީހެއް ކަމަށްބުނެ ވީޑިއޯއެއް އާންމުކޮށްފި އެވެ.
އިއްޔެ އާންމުކޮށްފައިވާ އެ ވީޑިއޯގައި އަމެޑީ ކޫލިބަލީ ކިޔާ މީހަކު ބުނަނީ އޭނާއަކީ އައިއެސް ޖަމާއަތުގެ މީހެއް ކަމަށާއި ފްރާންސްގެ އަންހެން ފުލުހަކަށް ބަޑިން ހަމަލާދީ މަރާލީ އޭނާ ކަމަށެވެ.
އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ޗާލީ ހެބްޑޫއަށް ހަމަލާދިން މީހުން ހޯދަން ފްރާންސްގެ ފުލުހުން އަތްފުނާއަޅަމުން ދިޔައިރު އޭނާ ނިކުތީ ޗާލީ ހެބްޑޫއަށް ހަމަލާ ދިން މީހުންގެ ދިފާއުގައި ފްރާންސްގެ ފުލުހުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ކަމަށެވެ. ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ އެ ނޫސް އިދާރާއަށް ހަމަލާ ދިން ދުވަހާ ޖެހިގެން އައި ދުވަހު ފުލުސް އަންހެނަކު މަރާލާފައިވަނީ ކޫލިބަލީ ކިޔާ މީހެއްކަން އެ ފަރާތްތަކަށްވެސް އެނގޭ ކަމަށެވެ.
ޗާލީ ހެބްޑޫ ނޫސް އިދާރާ އަށް ދިން ހަމަލާގައި 12 މީހަކު މަރުވެ 10 މީހަކު ޒަހަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި މަޖައްލާގެ އެޑިޓަރ ސްޓެފާން ޝާބޮނިއޭގެ އިތުރުން އެމަޖައްލާގައި ކާޓޫން ކުރަހާ ހަތަރު މީހުން ވެސް މަރުވިއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ ހަރުކަށި އިސްލާމީ ހަނގުރާމަވެރިންނަށެވެ.