މެންބަރު ނާޒިމް -- ފޮޓޯ: މަޖިލީސް
މެންބަރު ނާޒިމް -- ފޮޓޯ: މަޖިލީސް

ނާޒިމާއި ދެކޮޅަށް ދަށު ކޯޓުތަކުން ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތައް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ދައުލަތުން މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް މެމްބަރު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފް ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އޭގެ ތެރޭގައި ނާޒިމްގެ މައްސަލަތައް ވެސް ހިމެނެ އެވެ. އަދި އެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގަނެފައިވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 90 ދުވަހުގެ މުއްދަތު ލިބެ އެވެ. ނާޒިމްގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކަށް ހައި ކޯޓުން ތާއީދުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 13 ގަ އެވެ. އެހެންކަމުން، އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ފަހަނައަޅާދިޔަ ފަހުންނެވެ.

އެހެން ނަމަވެސް، މަގުބޫލު އުޒުރެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ވެސް ބަލައިގަތުމުގެ ބާރު ހައި ކޯޓަށާއި ސުޕްރީމް ކޯޓަަށް ވެސް ލިބެ އެވެ.

ނާޒިމްގެ މައްޗަށް ދައުވާކުރީ ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާންކުރުމުން އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. އަދި ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް އުފުލި އެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ދައުލަތުން އޭނާ އާއި ދެކޮޅަށް ކޮށްފައިާ ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލަތަކުގެ އިތުރުން، ނާޒިމްގެ އެހެން މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. އެ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު 22 ގައި އަމުރުކުރި އެވެ. އެ އަމުރާ އެއްގޮތަށް، އޭރު ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  މިހާރު ފުލުހުން ނާޒިމްއާއި ގުޅޭގޮތުން ބަލަމުންދަނީ ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ  ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭ މައްސަލަތެކެކެވެ.

ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *