ބުރާސްފަތި ދުވަހުރޭ ބޭއްވި ޓޫރިސްޓް ކައުންޓްޑައުން ޝޯގައި ސުނީތާ ޕްރިޔަންކާއާއެކު: ފޮޓޯ: ސުނީތާ  ޗޯޕްރާ ފޭސްބުކް ޕޭޖް
ބުރާސްފަތި ދުވަހުރޭ ބޭއްވި ޓޫރިސްޓް ކައުންޓްޑައުން ޝޯގައި ސުނީތާ ޕްރިޔަންކާއާއެކު: ފޮޓޯ: ސުނީތާ ޗޯޕްރާ ފޭސްބުކް ޕޭޖް

ސުނީތާ: އޭރު ލަދަކަށް، މިއަދު ފަހުރަކަށް !؟

އެއީ މީގެ ދެ އަހަރު ކުރިއެވެ. ޕްރިޔަންކާއަށް ސުނީތާ ކުރާ ލޯތްބާ އިހުތިރާމް އާންމުންނަށް ތިލަކޮށްލުމުގެ ފުރަތަމަ ފުރުސަތު އަހަންނަށް ލިބުނެވެ.  ”އަ ޓްރިބިއުޓް ޓް ޕްރިޔަންކާ ޗޯޕްރާ ބައި ސުނީތާ އަލީ މޯލްޑިވްސް“ ވީޑިއޯގެ ހަބަރު ލޯކަލް މީޑިއާގައި ފުރަތަމަ ލިޔުމުގެ ފުރުސަތާއި މިކަމާ ގުޅޭ ފުރަތަމަ އިންޓަވިއު ހޯދުމުގެ ފުރުސަތު ލިބި އެވާހަކަތައް ކުރިން މަސައްކަތްކުރި ނޫހުގައި ލިޔެފައި ވާނެއެވެ.

ލަދުން ބޯހަލާކުވޭ، ޕްރިޔަންކާ ބިރުން ފިލްމު ކުޅުން ހުއްޓާލާނެ، މުސްކުޅި ވީ ދުވަހު ތިދެން ކޮންކަމެއް 60 އަހަރުގެ ލާރި ހޯދައިގެން ގޭގަ އިދެވޭތޯ ބަލާ، އަންހެނަކަށްވީތީ ލަދުގަނޭ: މިއީ 21 ޑިސެމްބަރު 2013 ވަނަ ދުވަހު ސުނީތާ އާންމުކުރި ޓްރިބިއުޓް ވީޑިއޯ  ހަބަރު ލިޔުމުން އެ ހަބަރަށް ކިޔުންތެރީން އޮއްސާލި ހިޔާލުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. އެކަން ބަލައިގަނެ ހިތްވަރެއްދިން ހަމަ އެއްވެސް ކޮމެންޓެއް ނުލިބެއެވެ. މިންގަނޑަށް ނުފެތޭތީ 30 ވަރަށް ކޮމެންޓް އާންމުނުކޮށްވެސް ދޫކޮށްލަން ޖެހުނެވެ.

25 ޑިސެމްބަރު 2013ގައި ސުނީތާގެ އިންޓަވިއުއެއް ހޯދުމަށް ސުނީތާއަށް ގުޅައިލީމެވެ. އޭރު ސުނީތާގެ އަޑު ހުރީ ކުރަކިވެފައެވެ. ދެރަވެފައެވެ. އޭރު ބުނި ބަހަކީ ”އަދި ކޮންމެވެސް ދުވަހަކުން ދިވެހިން އަހަރެން މިކުރާ މަސައްކަތް ބަލައިގަންނާނެ“ ކަމަށެވެ.

އެކަމަށް ދެ އަހަރު ފުރުނީއެވެ. މަންޒަރު މުޅިންހެން މިވަނީ ބަދަލުވެފައެވެ. އެދުވަހު ސުނީތާއަށް ކުރި މަލާމާތާއި ލެވި ހޯއް މިއަދު މިވަނީ ތައުރީފާއި ސަޕޯޓުގެ އަޑަށް ބަދަލުވެފައެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ ކުރިއަށްދިޔައިރު ސޯޝަލް މީޑިއާގައި ޖެހި ޓްވީޓްތަކާއި އެފްބީގައި ޖެހި ސްޓެޓަސްތަކުންނެވެ.

”ޕްރައުޑް އޮފް ޔޫ ސުނީތާ، ސުނީތާ ވަރެއް ނެތް، ސުނީތާއާމެދު ފަހުރުވެރިވޭ، ތީ ފަހުރުވެރި ދިވެހި އަންހެނެއް“ މިއީ އެރޭ ޓްވިޓާގައްޔާއި ފޭސްބުކުގައި އެނބުރެމުންދިޔަ ބައެއް ސްޓެޓަސްތަކެވެ. ހަމަ ކުރިންވެސް ކޮމެންޓްކުރި އާންމުންގެ ހިޔާލުތަކެވެ.

”އޭރު ހަޖޫ ޖެހި މީހުންނަށް ބުނެލަން އޮތީ ކޮންމެ މީހަކު ވިޔަސް ކަމެއް ކުރާނީ ކޮންމެވެސް ފައިދާތަކެއް ރަނގަޅު ކަމެއް ފެންނާތީއޭ، ކުރާ ކަމެއްގެ ހުރިހާ ހަގީގަތެއް ނޭންގޭނެ، ޖޯކު ޖަހާ ނުހަދާށޭ، ހިތްވަރުދޭން ބޭނުންނެތިއްޔާ އަޅާ ނުލާށޭ، ޕްރިޔަންކާގެ ކުރާ މަސައްކަތް ފެންނާތީ ވަރަށް ތެދު ސާފު ހިތަކުން ސުޕަ ފޭނަކަށް ވުމުގެ މަސައްކަތްފެށީ، ޓްވިޓާ ބޭނުންކުރަން ފެށީވެސް ޕްރިޔަންކާގެ ސުޕަ ފޭނަކަށް ވުމަށް، އޭރު ކުރި ފުރައްސާރައާ ކުރި މަލާމަތް މިއަދު ހަނދާނެއް ނެތް، ހަނދާން ބަހައްޓާކަށް ބޭނުމެއްނޫން“ ދުވަހަށް މައުލޫމާތު ދެމުން އުފަލުން ހުރެ ސުނީތާ ކިޔައިދިނެވެ.

ސުނީތާ އެވަނީ ޕީސީގެ ސުޕަ ފޭނަށް ވުމަށް ކުރާ މަސައްތަކުގައި ކާމިޔާބުތަކެއް ހޯދާފައެވެ. ނާކާމިޔާބީއާވެސް ކުރިމަތިލައިގެންނެވެ. އެގޮތުން މިހާތަނަށް ޕްރިޔަންކާއާ ބައްދަލުކުރަން ސުނީތާ ކުރި މަސައްކަތުގެ ތެރެއިން ނާކާމިޔާބު ވި ބައެއް ކަންކަން ސުނީތާ ހިއްސާ ކުރިއެވެ.

”އަސްލު ދިވެހިންނަށް ނޭންގޭނެ އެއްވާހަކަ އަދި އެބަ އޮތް، އެއީ ކްރިސް 3 ރިލީޒްކުރި ދުވަސްކޮޅު، އޭރު ޕްރިޔަންކާ ދިޔައީ ޑުބާއީގެ ޓީވީ ޝޯއަކަށް އެ ފިލްމު ޕްރޮމޯޓްކުރަން، އެ ފިލްމުގެ ވާހަކަތައް އަހަރެން ޓްވީޓްކުރަމުންދިޔަ އިރު އެ ޓީވީ ސްޓޭޝަނުން ބުނި ޕްރިޔަންކާއާ ބައްދަލު ކުރަން މިކޮޅަށް އަންނަންވީ ނޫންހޭ، އެކަމަކު އެފަހަރު އަހަރެން މިކަމަށް އާވީމަ އެ ފުރުސަތު ގެއްލުނީ، އަހަންނަށް އެ ޓީވީ ސްޓޭޝަންގަ އެދެވުނީ އަހަރެން ގެންދާނާނަންހޭ، އެކޮމޮޑޭޝަން ހަމަޖައްސާނަންހޭ، އެހެން އެދެވުނީމަ އެކަން ފަނިވީ، އަސްލު އޭރު އާވީމަ އެކަން ނާކާމިޔާބުވީ“ ޕްރިޔަންކާގެ ސުޕަ ފޭނަށް ވުމުގައި ސުނީތާ ކުރަމުން އަންނަ މަސައްކަތުގައި ދިމާވި ހިތި ތަޖުރިބާ ހިއްސާކުރިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޝޯގައި ޓުއަރިޒަމް މިނިސްޓަރު އަދީބު ސުނީތާއަށް ހާއްސަ ފުރުސަތެއް ދެއްވިއެވެ. އެއީ އެ ޝޯގައި ޕްރިޔަންކާއަށް ޓްރިބިއުޓެއް ދިނުމުގެ ފުރުސަތާއި ސުނީތާއާ ބައްދަލު ކޮށްލުމުގެ ފުރުސަތެވެ. އެ ފުރުސަތަށް ޓުއަރިޒަމް މިނިސްޓަރު އަދީބުއަށާއި ޝޯ އިންތިޒާމްކުރި ޗޮޕްއާޓަށް ހާއްސަ ޝުކުރެއް އަދާކުރެއެވެ. ޕްރިޔަންކާގެ ހެދުމެއް ނަކަލުކޮށްގެން އެރޭ ސުނީތާވަނީ ޕްރިޔަންކާއަށް ދިވެހިންގެ އެތައް ހާސް ބައެއްގެ ކުރިމަތީގައި ޕްރިޔަންކާއަށް ޓްރިބިއުޓެއް ދީފައެވެ. ހަމަ އެރޭ ޕްރިޔަންކާގެ އަތުން ސުނީތާއަށް އެވޯޑެއް ލިބުނެވެ. އަދި ޕްރިޔަންކާގެ ހެދުންތައް ސުނީތާ އަޅާލެއް މާ ފުރިހަމަކަމަށް ޕްރިޔަންކާ ބުންޏެވެ.

”އެހެން ބުނީމަ އެނބުރިގަތީ، ރާއްޖޭގެ އެތައް ބައެއްގެ ކުރިމަތީގަ އެހެން ބުނީމަ، ހަޖޫ ޖަހަމުން ދިޔަ ދަނޑިވަޅެއްގަ، ޕްރިޔަންކާގެ އަނގައިން އެހެން ބުނެލުމުން ބަޔާންވެސް ކޮށްދެން ނޭންގޭހާ އުފާވި“ ސުނީތާ ބުންޏެވެ.

ސުނީތާ ބުނީ އޭނާގެ ހަޔާތުގައި އެރެއަކީ އެންމެ އުފާވެރި އެއް ރޭ ކަމަށެވެ. 20 އަހަރަށްފަހު ކެރިއާގަ އެންމެ އުފާވި ރޭ ކަމަށެވެ. އަދި އެރެއަށްފަހު ކުރިން މީހުން ކީ އެއްޗެހި މުޅިން ހަނދާން ނެތިފައިވާކަމަށް ސުނީތާ ބުންޏެވެ.

ޕްރިޔަންކާގެ ސުޕަ ފޭނަށް ވުމުގައި ސުނީތާ އެވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެ ކުރިއެރުންތަކަށްފަހު ދެން އުފެދޭ ސުވާލަކީ މިކަމުގައި ސުނީތާ ދެން ދެކެން ބޭނުންވާ ދުވަހަކީ ކޮބައިކަމާއި ދެން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އެ ސުވާލަށްވެސް ސުނީތާ ޖަވާބު ދިނެވެ.

“ އަސްލު ޓްވިޓާގެ ބަޔޯ އިންނާނެ އަހަރެންގެ ޑްރީމް، ޑްރީމަކީ ޕްރިޔަންކާއާ އެކީގަ ޕާފޯމްކުރުން، ދެން ހާސިލްކުރަން ބޭނުންވާ އެއް ލަނޑުދަނޑިއަކީ އެއީ“ ސުނީތާ ބުންޏެވެ.

ސުނީތާ ބުނީ އޭގެ އިތުރުން ދެން ނިކުންނަ ”ހިތްދީވާނާ 7“ އަލްބަމަށް ކޮންމެވެސް ކަހަލަ ސިފައެއްގައި ޕްރިޔަންކާގެ ކޮންޓްރިބިއުޝަނެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމަށް ޕްރިޔަންކާގެ މުމްބާއީގެ ”Team Priyanka“ ގައި މިހާރު އެދިފައިވާނެ ކަމަށްވެސް ސުނީތާ ބުންޏެވެ.

”އެންމެ ބޮޑު އުންމީދަކީ އެ ސީޑީ ރިލީޒްކުރާއިރު ޕްރިޔަންކާގެ ކޮންމެސް ކަމެއް ހިމެނިގެން ދިއުން، ލަވަޔަކަށް އެކްޓް ކުރުންވިޔަސް، އަލްބަމާ މެދު ކޮންމެވެސް އެއްޗެއް ބުނުން ވިޔަސް، ނޫނީ އަލްބަމް ރިލީޒްކުރަން މިކޮޅަށް އައުންވިޔަސް، ކޮންމެވެސް ސިފައެއްގައި ޕްރިޔަންކާގެ އިންވޯލްވެއް އެ އަލްބަމްގައި ވުން އުންމީދަކީ“ ސުނީތާ ދެން ދެކެން ބޭނުންވާ ހުވަފެންތައް ދުވަހާ ހިއްސާ ކުރިއެވެ.

އަނެއްކާވެސް ޕްރިޔަންކާ ހިތުލައިގެން ސުނީތާ ދެކެން ފަށާފައިއެވަނީ ބޮޑެތި ހުވަފެންތަކެކެވެ. ކުރިންވެސް ދެކެމުން އައީ މިފަދަ ބޮޑެތި ހުވަފެންތަކެކެވެ. ޖެހި ހަޖޫއަކަށް ލެވި ހޯކަކަށް ކުރި މަލާމާތަކަށް ބެލުމެއް ނެތި ސުނީތާ ވަނީ އެ ހުވަފެންތަކުގައި ކުލަ ޖައްސާފައެވެ. ދިވެހީންގެ ކުރިމަތީގައިވެސް އަދި ދުރުގައިވެސް ޕްރިޔަންކާއާ ބައްދަލުކޮށްފައެވެ. ހެޔޮ އެދޭ ފަރާތްތަކާއި އެއްބާރުލުންދޭ ގާތް ރަހުމަތްތެރިންގެ އެހީގައެވެ.

ކޮންމެއަކަށް ދުވަސް ނޫހުގެ އެދުމަކީ ސުނީތާ ދެން ދެކެން ބޭނުންވާ ހުވަފެންތައް ކާމިޔާބުވުމެވެ. ޕްރިޔަންކާގެ ސުޕަ ފޭނަށް ވުމުގައި ސުނީތާ ކުރަމުން އަންނަ މަސައްކަތުގައި ވާސިލްވާން ބޭނުންވާ މަންޒިލަށް، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވުމެވެ. އެކަމަށް މަލާމާތާއި ފުރައްސާރަ ނުކޮށް ދެން ވާގޮތެއް ބަލަން ތިބެމާ ހެއްޔެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *