ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ތިން ރަށެއްގައި އެސްޓީއޯއިން ފާމަސީ ހުޅުވާ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.
އެގޮތުން އިއްޔެ ތިން ފާމަސީ ހުޅުވާފައިވަނީ ތ.މަޑިފުއްޓާއި ޅ.ހިންނަވަރާއި އއ. ފެރިދޫގަ އެވެ.
އެސްޓީއޯއިން ބުނީ އެ ތިން ރަށުގައި މިހުޅުވުނު ފާމަސީން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ތިން ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 66 އަށް ބަދަލުވެފައިވާކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން އިތުރަށް ބުނީ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.