އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް އުނދަގޫކޮށް ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ 3 މީހަކު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 44 ، 33 އަދި 25 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށެވެ.
ކުޑަ ކުއްޖަކަށް އުނދަގޫކޮށް ބިރުދައްކާކަމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10:55 ހާއިރު މާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ފުލުހުން ހާމަކުރެއެއެވެ.
ފުލުހުން އިތުރަށްބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕް ފެނިފައިވަނީ މިމީހުންނާއި އެމީހުން އެވަގުތު ތިބި ބަލައިފާސްކުރިއިރުއެވެ. އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން އެކަކު އެމީހުން އެވަގުތު ތިބި ގޭގެ ފާޚާނާ ތަށި ތެރެއަށް ވައްޓާލިތަނުންނެވެ. އަދި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕް ފެނިފައިވަނީ އެތަނުން އެކަކު ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށެވެ.
އަދި މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާ އާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ އިތުރުން ފެމެލި އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓް ގުޅިގެން ތަހުގީގް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.