ފާޅުވެގެންވާ މިސާލުތައް

ލިޔުނީ:ޙަނީފް އޮލިވަރ

ޚާލިޤަކު ވޮޑިގެންވާކަމަށް އިންކާރު ކުރާމީހާގެ ދައުވާގެ ބާޠިލްކަން ހާމަކުރުމަށްޓަކައި ވަރަށް އާދައިގެ މިސާލެއް ނަންގަނެލާނަމެވެ. ފޮތެއް އުފެދިގެން އަންނަ ގޮތާއި މެދުގައި ވިސްނާލާށެވެ. ފޮތެއް ވާނަމަ އެފޮތެއް ޝާއިޢުކުރި ފަރާތެއްވެސް ވާން ޖެހޭނެއެވެ. އަދި އެފޮތުގެ ވުޖޫދުގައި ވުމުން އެފޮތް ޝާއިޢުކުރި މީހާއަށް ލިބިގެންވާ 3 ސިފައެއްގެ މައްޗަށް ދަލީލު ލިބިގެން ދެއެވެ. ފުރަތަމަ ސިފައަކީ ޢިލްމު ލިބިގެންވުމެވެ. ސަބަބަކީ ފޮތެއް ޝާޢިޢުކުރެވޭނެ ފޮތެއް ޝާޢުއުކުރަން އިނގޭ އެކަމުގެ މަޢުލޫމާތު ލިބިގެންނެވެ. ދެވަނަ ސިފައަކީ އެފޮތް ޝާއިޢު ކުރި މީހާ އެކަން ކުރުމުގެ އަޒުމް ނުވަތަ ގަސްދު އޮތުމެވެެ. ތިންވަނަ ސިފައަކީ ބާރު ލިބިގެންވުމެވެ. އެހެނީ އެފަދަ ފޮތެއް އެކުލަވާލައި ޞަފްޙާތައް ތަރުތީބުކޮށް އޭގެ ބަނޑޭރިގަނޑު ތައްޔާރުކޮށް ފޮތް ބައިންޑް ކޮށް ފުރިހަމަގޮތެއްގައި އެމަސައްކަތް ނިމުމަކަށް ގެނެވޭނީ އެފަދަ ކަމެއް ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ މީހަކަށެވެ.

މި މިސާލު ރަނގަޅަށް ފަހުމްވެއްޖެ ނަމަ، އެފޮތް އުފެދިގެން އައީ އޭގެ އަމިއްލަޔަށް ނުވަތަ ’ޗާންސް‘ އެއްގެ ސަބަބުން ކަމަށް ބުނެވޭ ހިނދު އެބުނުމުގެ ބާޠިލްކަން ވިސްނޭނެއެވެ. އެހެންކަމުން ހަމައެކަނި ފޮތް ޝާއިޢުކުރި ފަރާތް ނުފެންނާތީ އެފޮތް ޝާއިޢުކުރި ފަރާތެއް ނެތޭ ބުނެވޭކަށް ނޯންނާނެއެވެ. އަދި ހަމަ އެފަދައިން މިދުނިޔެ އުފެއްދެވި ޚާލިޤްވަންތަ އިލާހު ، މީސްތަކުންގެ ލޮލަށް ވަންހަނާވެވޮޑިގެންވުމަކީ އެއިލާހު ވޮޑިގެންވާ ކަމާއި މެދު އިންކާރު ކުރެވެންވީ ސަބަބެއް ނޫނެވެ.

ޙަޤީޤަތަށް ބަލާނަމަ ޚާލިޤުވަންތަ އިލާހަކު ވޮޑިގެންވާކަމަށް ޤަބޫލު ކުރުމަކީ، ކޮންމެ ފޮތަކަށް އެފޮތެއް ޝާއިޢުކުރި ފަރާތެއް ވާކަން ޤަބޫލު ކުރުމަށް ވުރެ މާ ފަސޭހަ ކަމެކެވެ. އެހެނީ ފޮތެއް އުފެއްދުމަށް ވުރެ، މި ކާއިނާތާއި އޭގައިވާހައި އެއްޗެއް އުފެއްދެވުމަކީ  މާ ރޭވުންތެރި މާ މަތިވެރި ކަމެކެވެ. އެހެންކަމުން ޚާލިޤަކު ވޮޑިގެން ނުވާކަމަށް ބުނާ މީހުންނާ ތަޙައްދީ ކުރައްވައި ޚާލިޤްވަންތަ އިލާހް އަންނަނިވި ބަސްފުޅު ވަޙީ ކުރެއްވިއެވެ.

“ ހެއްދެވި ފަރާތެއް ނެތި އެބައިމީހުން އުފެދިގެން އައީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކީ އެބައިމީހުން ހެއްޔެވެ؟ އުޑުތަކާއި ބިން ހެދީ އެބައިމީހުން ހެއްޔެވެ؟ އަދި ކިއެއްތަ! އެބައިމީހުންނަކީ ޔަޤީން ކުރާ ބައެއް ނޫނެވެ“
(سورة الطّور : 35-36)

ކޮންމެ ފޮތަކީ ވެސް އުފެއްދެވި ފަރާތެއް ނުވާ ފޮތެއް ކަމުގައި ބުނެވޭ ހިނދު އެއީ ބާޠިލް ބަހެއްކަން މިއާޔަތުން އެގިގެން ދެއެވެ.  ހަމަ އެފަދައިން އެފޮތް އުފެދިގެން އައީ އޭގެ އަމިއްލައަށް ކަމުގައި ބުނެވޭ ހިނދު އެއީ ވެސް ބާޠިލް ބަހެއްކަން އެގިގެން ހިގައްޖެއެވެ. ހަމަ އެގޮތަށް އިންސާނާ އުފެއްދެވި ފަރާތެއް ނުވެއޭ ބުނުމަކީ ބާޠިލް ބަހެއް ފަދައިން އިންސާނާ އުފެދިގެން އައީ އޭނާ އަމިއްލަޔަށް ކަމުގައި ބުނެވޭ ބުނުމަކީވެސް ބާޠިލް ބުނުމެއްކަން އެގިގެން ހިގައްޖެއެވެ.އެހެންކަމުން ބާކީ އޮތީ ބުއްދި ޤަބޫލުކުރާއެންމެ ގޮތެކެވެ. އެއީ އިންސާނުންނާއި މިކާއިނާތުގައިވާ ހުރިހާ އެއްޗެއް ވުޖޫދުގެ ތެރެއަށް ޚަލްޤު ކުރެއްވީ ހުރިހާކަމެއްގެ ޢިލްމު ލިބިވޮޑިގެންވާ ޚާލިޤުވަންތަ އިލާހުކަމެވެ.

އުފެއްދުންތެރިންގެ އުފެއްދުންތަކުން ދަލީލުކޮށްދެނީ އެ އުފެއްދުންތެރިންނަކީ 3 ސިފައެއް ލިބިގެންވާ ބައެއް ކަމެވެ. އެ ތިން ސިފައަކީ ޢިލްމާއި، އެކަން ކުރުމުގެ އެދުމާއި، ބާރު ލިބިގެންވުމެވެ. މި ކާއިނާތުވެސް އުފެއްދެވި ޚާލިޤަކީ އެންމެފުރިހަމަ ޢިލްމު ލިބިވޮޑިގެންވާ އެންމެ މޮޅަށް ކަންތައްތައް އިރާދަކުރައްވާ އެންމެ ފުރިހަމައަށް ބާރު ލިބިވޮޑިގެންވާ ފަރާތެވެ.

ކުށެއް ނުވަތަ ޖަރީމާއެއް ހިނގާފައިވާ ތަނަކުން ލިބެން ހުންނަ ބައެއް ޤަރީނާ ތަކަކީ ކޯޓުތަކުން ނިންމާ ނިންމުން ތަކުގައި ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗެވެ. އޭގެ އެހީގައި ކޯޓުގައި ބެލޭ މައްސަލަތަކަށް ނިމުމަކަށް ގެނެވެއެވެ. ހަމަ އެފަދައިން ޚަލްޤުތަކުންގެ މެދުގައްޔާއި، ބާވައިލެއްވިފައިވާ ވަޙީގައި ހިމެނޭ ބުއްދީގެ ދަލީލުތަކުގެ އަލީގައި އަހަރެމެން އުފެއްދެވީ ހުރިހާ ކަމެއް މޮޅަށްދެނެވޮޑިގެންވާ ބާރުވެރި އިލާހަކު ކަމަށް  މާބޮޑަށްވެސް ދަލީލާއި ހެކި ލިބެއެވެ.

”ޔަޤީންކުރާ ބަޔަކަށް ބިމުގައި ހެކިތަކެއް ވެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސް މެއެވެ.ފަހެ ތިޔަބައިމީހުން (ވިސްނައި) ނުބަލަނީހެއްޔެވެ؟“
(سورة الذّاريات : 20-21)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *