ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މޯބައިލް ފޯނަކާއެކު މީހަކު މާފަންނު ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއަދު 09:30 ހާއިރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސްގެ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނަލަހިޔާ ހޮޓެލް ކައިރިން ކަމަށާއި ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މި ފޯނު ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނުގެ ޖީބުން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ފމި މީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 108 ފަހަރު ހުއްޓުވާ ސުވާލުކޮށް 34 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 14 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ 07 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި އަދި އޭނާއަކީ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކާއި މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.