މިގޮތަށް ފުލުހުން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހު ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީ މާލޭގެ މޭޔަރު މުހައްމަދު ޝިހާބަށް ފޮނުއްވި ސިޓީއެއްގައި އެވެ.
އެ ސިޓީގައި ބުނެފައިވަނީ އެމްއާރުޑީސީން އެ ކައުންސިލުން އިންދި ރުއްތައް ނަގާފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ސިޔާސަތު ކަނޑައަޅައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އެންމެ އިސް ފަރާތް ކަމަށްވާ ހައުސިންގ މިނިސްޓްރީން އަންގައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާކަމަށެވެ. އެހެން ކަމުން އެ ކޯޕަރޭޝަނާއި ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބުނެފައި ވެއެވެ.
މިދިޔަ ހަފްތާގައި ހޯމް މިނިސްޓާ އުމަރު ނަސީރުވެސް ވިދާޅުވީ ސިޓީ ކައުންސިލުން މާލޭ މަގުމަތީގައި އިންދި ފެންފޯއް ރުއްތައް ނެގުމުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓައި ދިނީ ހައުސިންގ މިނިސްޓްރީން އަންގައިގެން ކަމަށެވެ.
ރުއްތައް އިންދުމުން އެ ރުއްތައް ނެގި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެ ހައުސިންގ މިނިސްޓާ ޑރ މުހައްމަދު މުއިޒް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެއްވެސް ކައުންސިލަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން މަގުމަތީގައި ރުއް އިންދީ ވަރަށް ސާފުކޮށް އެއްވެސް ކަމެއް މަގުމަތީގައި ކުރާނަމަ މިނިސްޓްރީއަށް އެންގުމަށް އިލްތިމާސް ކޮށްފައި ވަނިކޮށް ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ސިޓީ ކައުންސިލުން އެ ކައުންސިލް ކައިރީގައި މަޖީދީ މަގުގައި އިންދި ތިން ފެންފޯއް ރުއް އިންދިތާ މާގިނަ އިރެއްނުވެ އެމްއާރުޑީސީގެ ބިދޭސީ މުވައްޒަފުން ވަނީ ނަގާފައި އެވެ.