ބޮލީވުޑްގެ ތާރީހުގައި ނުކުތް އެންމެ ކާމިޔާބު ފިލްމް ޕީކޭގެ ބަތަލާ އަނުޝްކާ ޝަރުމާގެ ބައިވެރިޔާގެ ރޯލް އަދާ ކޮށްފައިވާ ޝުޝާންތުު ސިންގ އޭނާގެ ކައިވެންޏަށް ތައްޔާރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ ރައްޓެހިވެގެން އުޅެނީ ދާދިފަހުން ޒީޓިވީން ނިންމާލި ޑްރާމާ ސިލްސިލާ ޕަވިތްރަ ރިޝްތާގައި ލީޑްރޯލް ކުޅޭ އަންކިތާ ލޮކާންޑޭ އާއި އެވެ. އެ ދެ ތަރިން ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ގުޅުމަކީ ވަރަށް ސިއްރު ގުޅުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އަދި މިހާ ދުވަސްވެފައިވާއިރު ދެ ތަރިންނަށް ކައިވެންޏަކާއި ހިސާބަށް ނުދެވިގެން އުޅެނީ ދެމީހުންވެސް މަސައްކަތުގައި ބުރަކޮށް އުޅެން ޖެހޭތީ އެވެ. މިވަގުތު ދުބާއީގައި އާ އަހަރު ފާހަގަ ކުރަން ގޮސް ތިބި ދެ ތަރިންގެ ތެރެއިން ޝުޝަންތު ކައިވެންޏަށް ހުށަހެޅީ ދަތުރުގެ ތެރެއިން ނެވެ.
އަންކިތާ ވަގުތުން ކައިވެންޏަށް އާބަސް ބުނެފައިވާއިރު މައުލޫމާތު ލިބޭގޮތުގައި އޭނާ ހުރީ ޝުޝާންތައް ޕީކޭއިން ލިބުނު ތާއީދާ ފިލްމަށް ލިބުނު ކާމިޔާގެ ސަބަބުން ކައިވެންޏަށް ހުށަހަޅާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ.
މިއަހަރުގެ ޖޫން ނުވަތަ ޖުލައިގައި ކައިވެނިކުރަން ހުރިހާ ކަމެއް ނިންމާފައިވާއިރު ޝުޝަންތު ކުޅެން އެއްބަސްވެފައިވާ ތިން ފިލްމެއްގެ ޝޫޓިންގ އެ ހާތަނަށް ނިމޭނެ ކަމަށް ވެ އެވެ. އަދި އަންކިތާގެ ޕަވިތްރަ ރިޝްތާ ނިމުމުން އޭނާ ހުރީ ހުސްކޮށެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ދެ ތަރިންގެ ކައިވެނި ޝުޝާންތުގެ އާއިލާ ނިސްބަތްވާ ނިއުދިއްލީގައި ކުރުމަށް ހަމަޖެހިފައިވާއިރު އަންކިތާގެ އާއިލާއަށް ޓަކައި އިންޑޮރު ގައިވެސް ދެ ތަރިންގެ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.