އިންޑީއާގެ ޓާޓާ ކުންފުނިން އަޅަން ހަމަޖެހިފައިވާ މަސައްކަތް ކުރިޔަށް އޮތް 45 ދުވަސްތެރޭގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓާ ޑރ މުހައްމަދު މުއިޒް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓާޓާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން އަލުން މުރާޖާކޮށް މިދިޔަ ހަފްތާގައި ނިންމާފައިވާކަމަށެވެ. އަދި އަލުން އެއްބަސްވި އިރު އެ މަސައްކަތް 45 ފަސް ދުވަސްތެރޭ ފަށަންޖެހޭނެ ކަމަށް އޮންނާނެ ކަމަށާއި އެ ކުންފުނިން އެ މުއްދަތުގައި މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މިނިސްޓާ ވިދާޅުވީ މި މަޝްރޫއު ކުރިޔަށް ގެންދަން އިމާރާތް ކުރުމާއި ހަވާލުވެފައިވާ އެޕެކްސް ރިއަލިޓީއަށް ސަރުކާރުން މިހާރު ކޮށްދޭންޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
”މިހާރު ޓާޓާގެ ފްލެޓްތައް އެޅުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ނޯންނާނެ މިދިޔަ ހަފްތާގައި ވާނީ ހުރިހާ ކަމެއް ކޮށްދީ ނިންމާފައި. ދެން އޮންނަނީ ކުންފުނިން މަސައްކަތް ފެށުން. އެއްބަސްވުމުގައި ވާގޮތުން 45 ފަސް ދުވަސްތެރޭގައި މަސައްކަތް ފަށަންޖެހޭ،“ މިނިސްޓާ ވިދާޅޫވި އެވެ.
ޓާޓާ ކުންފުނިން މާލޭގައި އަޅާ ފްލެޓްތަކުގެ އިމާރާތުގެ ބޮޑުބައި ނިމިފައިވާއިރު، މަސައްކަތް ހުއްޓާލާފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ނެވެ. އޭގެ ފަހުން އައި ރައީސް ޑރ ވަހީދުގެ ސަރުކާރާއި މިސަރުކާރުންވެސް ވަނީ މި ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތްތަކެއް ކޮށްފައި އެވެ.
ފްލެޓްތަކުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދެ އަހަރު ވެފައިވާއިރު، މި ފްލެޓްތަކަކީ މީހުން ދީފައިވާ ފްލެޓްތަކެކެވެ.