ހަކުރު ބޭނުންކުރާ މިންގަނޑަށް ބަލައިގެން އުޅެންވީ ކީއްވެކަން އިނގޭތަ؟

ފޮނި ކާއެއްޗެހި ކެއުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމަކެވެ. އަދި ގިނަ މީހުންނަށް އެންމެމީރީ ވެސް ފޮނި ކާތަކެއްޗެވެ.

ނަމަވެސް ފޮނި އެއްޗެހި މާގިނައިން ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް ގެއްލުންހުރި ކަމެއްކަން ދަނެ، ހަކުރު ބޭނުން ކުރާ މިންގަނޑަށް ބަލައިގެން އުޅެނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ހަކުރު ބޭނުން ކުރާ މީހުނެވެ.

ފޮނި އެއްޗެހި މާގިނައިން ބޭނުން ކުރުމަކީ އެކި ކަހަލަ ގެއްލުންތައް ހަށިގަނޑަށް ދޭނެ ކަމެކެވެ. އެގޮތުން ބަލާލާއިރު ހިމެނެނީ..

ބަރުދަން އިތުރުވުން

ގިނައިން ހަކުރު ބޭނުން ކުރުމުން ބަރުދަން އިތުރުވާކަން ގިނަ މީހުންނަށް ޤަބޫލު ކުރެވެއެވެ. އިންޓަރނޭޝަނަލް ޖާރނަލް އޮފް އޮބޭސިޓީ އިން 2006 ވަނަ އަހަރު ކަށަވަރު ކޮށްދީފައިވަނީ ފޮނި ބުއިމާއި ކާއެއްޗެހި މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން ވަރަށް ފަސޭހައިން އިތުރުވެ އާދަޔާ ޚިލާފަށް ފަލަވާން މަގުފަހިވާ ކަމެއް ކަމަށެވެ.

މާބޮޑަށް ފަލަވުމަކީ އެކި ކަހަލަ ސިއްޙީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ އެކިކަހަލަ މައްސަލަތަކާއި ހަކުރުބަލި ޖެހެން މަގުފަހި ވުން ވެސް ހިމެނޭ ކަމަށާއި ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ފޮނި އެއްޗެހި ބޭނުންކުރާ މިންގަނޑަށް ބަލައިގެން އުޅުމަށާއި ކަސްރަތު ކުރުމަށް ކަމާއިބެހޭ މާހިރުން އިރުޝާދު ދެއްވައެވެ.

ފުރަމޭ ހަލާކުވުން

ފޮނި އެއްޗެހި މާހިނައިން ބޭނުން ކުރުމަކީ ފުރަމޭ ހަލާކުވާ ކަމެއްކަން މިއީ ކުރިން އެނގިފައިވާ ކަމެއް ނޫނެވެ. އަދި ބައެއް މީހުންނަށް މިއީ ޤަބޫލު ކުރަންވެސް އުނދަގޫ ކަމެކެވެ. ފުރަމޭ ރަނގަޅަށް މަސައްކަތް ކުރުމަށް ހަކުރުގައި ހިމެނޭ ގްލުކޯސް އާއި ފްރުކްޓޯސް ބޭނުންވާ ނެ އެވެ.   ގްލުކޯސް އާއި ފްރުކްޓޯސް ފުރަމޭގައި “ލިޕިޑްސް” އަށް ބަދަލުވާނެއެވެ. މާގިނަ ހަކުރު ބޭނުން ކުރުމުން އުފެދެން ޖެހޭ ވަރަށް ވުރެ އިތުރަށް ފުރަމޭގައި ލިޕިޑްސް އުފެދި، ފުރަމޭ ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސްތަކެއް ދިމާވެ ފުރަމޭ ހަލާކުވާން ފަށާނެއެވެ.

ޖާރނަލް އޮފް ހެޕަޓޮލޮޖީ ގެ ރިޕޯޓެއްގައި 2015 ވަނަ އަހަރު ޝާއިއު ކޮށްފައިވަނީ ހަކުރު އިތުރުވުމުން ފުރަމެއަށް ލިބޭ ގެއްލުމުގެ ސަބަބުން ފުރަމޭގެ ބަލިތަށް ޖެހުމާއި ދަށްބަނޑުގައި ރިއްސުން ފަދަ ކަންތައްތައް ދިމާވާނެ ކަމަށެވެ.

ހިތުގެ އެކި ކަހަލަ މައްސަލަތަށް ޖެހުން

ހިތުގެ ބަލިތަށް ޖެހުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް މާގިނައިން ހަކުރު ބޭނުން ކުރުން ހިމެނެއެވެ. ފޮނި އެއްޗެހި މާގިނައިން ބޭނުން ކުރާނަމަ ހިތުގެ ނާރުތަށް ބަލިކަށިވެ، ހިތުގެ އެކި ކަހަލަ ބަލިތައް ޖެހުމާއި ހާޓް އެޓޭކެއް ޖެހުންފަދަ ފުރާނައަށް ނުރައްކާތެރި ކަންތައްތައް ދިމާވެއެވެ.

ހަކުރުގެ މިންގަނޑު އިތުރުވުމުން، ހަށިގަނޑުގައި ހުންނަ “ބޭޑް ކޮލެސްޓްރޯލް” އިތުރުވެ، އޭގެ ސަބަބުން ހިތުގެ ލޭނާރުތަށް ބަލިކަށިވާނެ ކަމަށް 2014 ވަނަ އަހަރު ޝާއިއު ކޮށްފައިވާ އޯޕަން ހާރޓްސް ރިޕޯޓްސްގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން އިންސިއުން އިތުރުވެ، ލޭމައްޗަށް ގޮސް ހިތުގެ ވިންދު އަވަސް ވެސް ވާނެ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ކަންކަމާއިމެދު ހާސްވުމާއި ނުތަނަވަސްވުން އިތުރުވުން

ހަށިގަނޑުގައި ހަކުރު ހުންނަންވީ މިންގަނޑު މާބޮޑަށް އިތުރުވެއްޖެ ނަމަ އެކަމުގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުން ވެސް މީހާ އަށް އެތަކެއް ގެއްލުން ތަކެއް ވެއެވެ. މާގިނައިން ފޮނި އެއްޗެހި ބޭނުން ކޮށްފިނަމަ ދިރިއުޅުމުގެ އެކި ކަންތައްތަކާއި މެދު މާބޮޑަށް ހާސްވުމާއި ނުތަނަވަސްވުން އިތުރުވެއެވެ.

މިކަންތައްތަކަކީ ސިކުނޑިއަށް ކުރާ އަސަރެއްގެ ސަބަބުން ދިމާވާ ކަންކަމެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ހަށިގަނޑަށް އެތެރެ ކުރެވޭ ކެމިކަލްތައް ބެލެންސް ކުރެވެން ޖެހެއެވެ. އެހެންކަމުން ހަކުރު މާގިނައިން ބޭނުން ކުރުމުން، ބައެއް ކެމިކަލްތައް އިތުރުވެ އޭގެ ސަބަބުން ސިކުނޑިއަށް އަސަރު ކުރަނީ އެވެ.

އަދި މީގެ އިތުރުން މާގިނައިން ހަކުރު ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ މިފަދަ ގެއްލުމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް ރާބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ކަންތައް ކުރުމަށް ހިތްވަރު ލިބެއެވެ. އެމެރިކަން ޖާރނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން އިން 2015 ވަނަ ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހަކުރު ބޭނުންކުރާ މިންގަނޑު ހަށިގަނޑުގައި އިތުރު ވެއްޖެ ނަމަ ނަފްސާނީ ބަލިތަކެއް ޖެހޭނެ ކަމަށާއި، ޙާއްސަކޮށް އިއްދައިން ކެނޑިފައިވާ އަންހެނުންނަށް މިކަން ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ދަތްތަކާއި ހިރުގަނޑު ހަލާކުވުން

ފޮނި އެއްޗެއް ކައިފަ ދަތް ނޫގުނޅާ ނިދައިފިނަމަ ދަތްތައް ފަނި ކާނެއޭ މިއީ އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންގެ މައިންބަފައިން ވެސް ދެމުން ދިޔަ އިންޒާރެކެވެ.

މިއީ ތެދެކެވެ. ނަމަވެސް ދަތް އުނގުޅުމުގެ އިތުރުން، ދަތްތަކާއި ހިރުގަނޑު ރަނގަޅަށް ބަހައްޓަން ބޭނުންނަމަ ފޮނި އެއްޗެހި ބޭނުން ކުރާވަރަށް ބަލާލައިގެން ވެސް އުޅެން ޖެހެއެވެ.

އެމެރިކަން ޖާރނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން އިން 2003 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ބެކްޓީރިއާ ހަކުރުގައި ހިމެނޭ ފުރްޓޯސް ބޭނުން ކޮށްގެން ލެކްޓިކް އެސިޑް އުފައްދާނެ ކަމަށެވެ. އަދި މިއެސިޑްގެ ސަބަބުން ދަތްތަށް ފަނިކައި ހިރުގަނޑު ގިރުން ފަދަ ކަންތައްތައް ދިމާވާނެ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ވީމާ ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި، ފޮނި އެއްޗެހި ބޭނުން ކުރާވަރު ކޮންޓްރޯލް ކޮށްލުން ބުއްދިވެރިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.