fbpx

ރުސްލާން މުޙައްމަދު ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލާން ގެ މަންމަ ޚުޒެއިމާ
ރުސްލާން މުޙައްމަދު ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލާން ގެ މަންމަ ޚުޒެއިމާ

ހިނގޭނެ ކަމުގެ ފޮނި އުއްމީދު ރުސްލާންއަށް އެބައޮތް، ބޭނުންވަނީ އިތުރު އެހީތެރިކަމެއް

ކުޑަ ކުއްޖެކެވެ. މޫނަށް ބަލާލުމުން ވެސް ހިތައް ލިބިގެން ދަނީ ބުނެދޭން ވެސް ނޭނގޭފަދަ ފިނި ކަމެކެވެ.

އެންމެންނާއި ވެސް ގުޅޭ މިޒާޖެއް ހުންނަ އަދި އަބަދުމެ ހިނިތުންވެފައި ހުންނަ، އުމުރުން އެންމެ ހަތް އަހަރުގެ ފ. ދަރަނބޫދޫ ރަތްވިލާގެ ރުސްލާން މުޙައްމަދު އަކީ ވެސް ހަމަ އެހެން ކުދިން ފަދައިން ފޮނި އުއްމީދު ތަކަކާއި ހުވަފެން ތަކެއް ދެކެމުން އަންނަ ހިތްވަރު ގަދަ ކުއްޖެކެވެ.

އެގޮތުން ރުސްލާން އެންމެ ބޮޑަށް ދެކެމުން އަންނަ ހުވަފެނަކީ، ރުސްލާން އަށް ވެސް ކޮންމެވެސް ދުވަހަކުން ހިނގެން ފެށުމެވެ. އެހެން ކުދިން ފަދައިން ކިޔަވަން ސްކޫލަކަށް ވެސް ދިޔުމެވެ. ރުސްލާން ފަދަ ކުދިންނަށް ތަޢުލީމް ޙާސިލް ކުރެވޭނެ ގޮތް އަދި ރަށުގައި ނެތުމުން، ސްކޫލެއްގެ އެތެރޭގައި ތަޢުލީމު ޙާސިލް ކުރުމުގެ ނަސީބު އަދި ނުލިބެއެވެ.

ރުސްލާން އަކީ އުފަންވީއްސުރެ ސިއްޙީ އެތަކެއް ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު ކުއްޖެކެވެ. އުމުރުން އެންމެ ހަތް އަހަރު ފުރިފައިވާ އިރު މިހާރު އަށް ފަހަރަށް ފިޓު ޖެހިއްޖެ އެވެ. އެގޮތުން އެންމެ ފުރަތަމަ ފިޓު ޖެހިފައިވަނީ، ދުނިޔެއަށް އައިތާ ދެވަނައަށް ވީ ދުވަހުއެވެ. އެއީ ރުސްލާން ގެ މައިންބަފައިން ވަރަށް ބޮޑަށް ބިރުގަނެ ހާސްވި ދުވަހެކެވެ. އެފަހަރު ފިޓު ޖެހުމުން އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގޮސް ފަރުވާ ކުރިއެވެ. އިންޑިއާގައި ހުރި ދުވަސް ކޮޅުގައި ވެސް ރުސްލާން އަށް ފަސް ފަހަރު ފިޓު ޖެހުނެވެ. ޑޮކްޓަރުން ފަރުވާ ދިނުމަށްފަހު ރަނގަޅު ވެއްޖެ ކަމަށް ބުނުމުން އެނބުރި މާލެ އައެވެ. މާލޭގައި ހުއްޓާ ދެފަހަރު އަދި ރަށަށް އެނބުރި ދިޔުމުން އެއްފަހަރު ފިޓު ޖެހުނެވެ. ކޮންމެ ފަހަރަކު ވެސް ރުސްލާން ދައްކުވާދެނީ ރުސްލާން އަކީ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް ކަމެވެ.

ސިއްޙީ މިފަދަ މައްސަލަ ތަކުގެ ސަބަބުން ރުސްލާން އަށް ރީތިކޮށް ވާހަކަ ދެއްކަން ފެށުނީ ވެސް އެހެން ކުދިންނާ އަޅާ ބަލާއިރު ތަންކޮޅެއް ފަހުންނެވެ. އެންމެ ބޮޑު ހިތާމައަކީ، ރުސްލާން އަށް އަދި ދުވަހަކު ވެސް ހިނގުމުގެ ނަސީބު ލިބިފައިނުވާތީ އެވެ. ބޭނުންވާ ތަނަކަށް އޭނާ ދަނީ ފިރުކިފަ ކަހަލަ ގޮތަކަށެވެ. ނުވަތަ ފުރޮޅުލީ ގޮނޑިއެއްގެ އެހީގައެވެ. ޅަ އުމުރު ފުރޮޅުލީ ގޮޑިއެއްގެ މަތީގައި ވޭތު ކުރަމުން އަންނަ ރުސްލާން ގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ރުސްލާން ވެސް ހިނގެން ފެށުމެވެ. އަދި އެހެން ކުދިން ފަދައިން ކިޔަވަން ގޮސް، ދުވެ، ކުޅެ އުޅުމެވެ.

ރިކޫޕް ހޮސްޕިޓަލުން ދީފައިވާ ލިޔުން- ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލަންގެ މަންމަ ޚުދައިމާ
ރިކޫޕް ހޮސްޕިޓަލުން ދީފައިވާ ލިޔުން- ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލަންގެ މަންމަ ޚުދައިމާ

“އެންމެ ބޮޑަށް ބޭނުންވަނީ ހިނގެން ފެށީމަ ބޮޑު ދައިތަގެ ގެއަށް ގޮސް ޤުރުޢާން ކިޔަވަން. ދެން ބޭނުންވަނީ ތުއްތު އާއި އެކީ ބޯޅަ ކުޅެން”

ދިރިއުޅުމަށްޓަކައި ރުސްލާން ކުރަމުން އަންނަ އުއްމީދުތައް އެހާމެ ސާފު ސީދާ އެވެ. ނަމަވެސް އަދި ރުސްލާން އަށް އަމިއްލައަށް ނުހިނގުމުގެ ސަބަބުން އެހުވަފެން މިއަދާއި ހަމައަށް ވެސް ފުރިހަމަ ކުރަނީ އެހެން މީހުންގެ ފަރާތުންނެވެ.

“ބުނާނެ އޭނާގެ ދައްތަ މެން ބޭބެ މެން، ނުވަތަ ކައިރީގައި ހުންނަ މީހެއްކައިރީގަ ވިޔަސް ފުންމާލަ ބަލާށޭ، ދުވެލަ ބަލާށޭ. އެހެން މީހުން ފުންމީމަޔާ ދުވީމަ ރުސްލާން ވަރަށް އުފާވާނެ. އޭނާ ކުރަން ބޭނުންވާ ކަންތައްތައް ކުރަނީ އެހެން މީހުން މެދުވެރި ކޮށް” – ރުސްލާން ގެ މަންމަ ޚުޒެއިމާ މޫސާ

މިފަދަ ގޮތްތަކަކަށް ރުސްލާން ގެ ހުވަފެންތަށް ފުރިހަމަ ކުރަމުން ދިޔަ ކަމުގައި ވިޔަސް ރުސްލާން ގެ އެ ހުވަފެންތަށް ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތުވެސް އެބައޮތެވެ. ރަޙްމަތްތެރިއެއްގެ ލަފާގެ މަތިން ރުސްލާން ގޮވައިގެން ޑޮކްޓަރަށް ދައްކަން އިންޑިއާގެ ބެންގަލޫރަށް ދިޔައެވެ. އެތަނުގެ ރިކޫޕް ހޮސްޕިޓަލުން ބުނެފައިވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރުމަށްފަހު އެމީހުންދޭ ޚާއްސަ ޕެކޭޖަކުން ފަރުވާ ކުރުމުން ރުސްލާން އަށް ހިނގަން ފެށުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ކަމަށެވެ.

ރިކޫޕް ހޮސްޕިޓަލުން ދީފައިވާ ޕެކޭޖްގެ ލިޔުން. ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލާންގެ މަންމަ ޚުޒެއިމާ
ރިކޫޕް ހޮސްޕިޓަލުން ދީފައިވާ ޕެކޭޖްގެ ލިޔުން. ފޮޓޯ ދުވަސް އަށް ހަދިޔާ ކުރީ ރުސްލާންގެ މަންމަ ޚުޒެއިމާ

ނަމަވެސް މިކަން ވެސް އެހާ ފަސޭހައިން އަދި ފުރިހަމަ ކުރެވޭކަށް ނެތެވެ. ސަބަބަކީ ސަރޖަރީ އާއި އެހެނިހެން ޚިދްމަތްތަކަށް މުޅި އެއްކޮށް ދެލައްކަ އެއްހާ ރުފިޔާ ބޭނުންވާތީ އެވެ. އަދި މީގެ އިތުރުން ރުސްލާންގެ ފަރުވާ އަށް ހަތް މަސް ދުވަހު އެކޮޅުގައި މަޑު ކުރަން ޖެހެއެވެ. މިފަދަ ބޮޑު އަގެއް ފަސޭހަ ކަމާއިއެކު ދެއްކޭނީ ކާކަށްތޯ އެވެ؟ ރުސްލާން ގެ އާއިލާގައި މިފަދަ ބޮޑު އަގެއް ދެއްކޭނެ ތަނަވަސްކަމެއް އަދި ނެތުމާއިއެކު، ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް ނިހާޔަތަށް ބޭނުންވެއެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ރުސްލާން އަށް ހިނގުމުގެ ފުރުސަތު ދިނުމަށާއި، އޭނާ ދެކެމުން އަންނަ ހުވަފެންތަށް ސީދާ ކޮށްދެއްވާ ތަޢުލީމު އުނގެނެން ދިޔުމުގެ ފުރުސަތުވެސް އެކުޑަ ކުއްޖާފުޅަށް ދިނުމަށްޓަކައި ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވެއެވެ.

ރުސްލާންގެ އޮޕަރޭޝަނަށާއި، ފަރުވާ ހޯދުމަށް އެހީތެރި ވުމުގެ ގޮތުން، ބީއެމްއެލް މެދުވެރިކޮށް ވެސް އެހީތެރިވެވިދާނެއެވެ.

ބިއެމްއެލް (ރުފިޔާ) އެކަންޓު ނަންބަރަކީ : 001-487997-7790 މުޙައްމަދު ޔޫސުފް (ރުސްލާން ގެ ބައްޕަ)

ބީއެމްއެލް (ޑޮލަރު) އެކަންޓު ނަންބަރަކީ: 7770000008580 ޚުޒެއިމާ މޫސާ (ރުސްލާން ގެ މަންމަ)

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7434248 ނަންބަރު ފޯނާއި ގުޅާލުމަށް އާއިލާ އިން ވަރަށް ބޮޑަށް އެދެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.