ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް - ފޮޓޯ: މަޖިލިސް
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް - ފޮޓޯ: މަޖިލިސް

”ގައުމުގައި ހަމަނުޖެހުން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ތަރައްގީއާއި ކުރިއެރުން ހަޖަމް ނުކުރެވިގެން“

ސަރުކާރަށް ކަމެއް ނުކުރެވޭކަމަށް ރައްޔިތުންނަށް ވިސްނައިދީ ހަމަނުޖެހުން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ގެނެސްދިން ތަރައްގީއާއި ކުރިއެރުމާއި ރައްޔިތުންނަށް ލިބިގެންދާ ރައްކާތެރިކަމާއި އަމާންކަން ހަޖަމު ނުކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.މެމްބަރު މިހެން ވިދާޅުވީ މީޑީއާތަކަށް ފޮނުވާފައިވާ ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި މެމްބަރު ވިދާޅުވެފައިވަނީ މިއަދު ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ތަރައްގީގެ ކުލަވަރު ކަމަށާއި ފާއިތުވި 5 އަހަރެއްހާ ދުވަހު މަޑުޖެހިފައިއޮތް ތަރައްގީގެ ދުވެލި ކުރިއަރަން ފަށައިފި ކަމުގެ އުފާވެރި އިހުސާސް މިއަދު ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.

އަދި ތަރައްގީގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަން ފުނޑުފުނޑު ކޮށްލަން އިދިކޮޅު ފަރާތްތަތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ މަސައްކަތް ހުއްޓުވަމުން، މުޅި ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ޓޫރިޒަމް މިނިސްޓަރު ކުރައްވާ މަސައްކަތުން އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ﷲގެ އިރާދަފުޅުން އިތުރުވަމުން އަންނަ ކަމަށްވެސް މެމްބަރުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

މެމްބަރު ވިދާޅުވެފައިވަނީ ސިއްހީ ދާއިރާ މުޅިން އާ މިސްރާބަކަށް ދަތުރުފަށާފައިވާކަމަށާއި ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކޮށް ގާބިލް މީހުން ހޯދާ، ހޮސްޕިޓަލްތަކުގެ އާބާތުރަ ފިލުވައި، ޑޮކްޓަރުންގެ މުސާރައަށް ހެޔޮ ބަދަލުގެނެސް ކޮންމެ ރަށަކަށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމް އެސްޓީއޯ މެދުވެރިކޮށް ހަމަޖެއްސުމުގައި ސިއްހީ ދާއިރާއާ ހަވާލުވެ ހުންނެވި ވަޒީރު ރޭވުންތެރިކަމާއެކު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ތައުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ތައުލީމާ ބެހޭ ވަޒީރު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ ރާއްޖެއިން ބޭރުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ޒުވާނުންނާ ކުޅިވަރު ދާއިރާ ހަރުދަނާ ކުރެއްވުމަށް ޒުވާނުންނާ ބެހޭ ވަޒީރު ކުރައްވާ މަސައްކަތުން އިދިކޮޅު ފަރާތްތަކުގެ ބަސް ހުއްޓިފައިވާކަމަށްވެސް މެމްބަރު ވިދާޅުވެފައި ވެ އެވެ.

މެމްބަރު އިތުރަށް ވިދާޅުވެފައިވަނީ ގެދޮރުވެރި ކުރުވުމާއި ބޯހިޔާވަހިކަމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުންވެސް އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވަމުން އަންނަ ކަމަށެވެ. އަދި ރަށްރަށަށް ދިމާވެފައިވާ ކަރަންޓްގެ ދަތިކަން ހައްލު ކުރުމަށް ”24 ގަޑިއިރު ކަރަންޓް ޔަގީން“ މަޝްރޫއުގެ ދަށުން 77 ރަށަކަށް ކަރަންޓް ޖަނަރޭޓަރު ފޮނުވާފައިވާކަމަށް މެމްބަރު ވިދާޅުވެފައިވެއެވެ.

އަދި ، މުޖްތަމައުގައި ހަމަޖެހުން ގާއިމް ކުރުމަށް ކުރާ މަސައްކަތް ފުނޑުފުނޑު ކޮށްލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް މި ސަރުކާރުން މުޅިރާއްޖޭގައިވެސް ހަމަޖެހުމާއި މަސްލަހަތު ގާއިމް ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި މަގުމަތީގައި ދޫކޮށްފައިތިބި ކުށްވެރިން ހުކުމް ތަންފީޒް ކުރުމަށް ޖަލުތަކަށް ވައްދައި، ރާއްޖެ އެތެރެވާ މަސްތުވާތަކެތި އަތުލައިގަނެ، ސަލާމަތީ ބާރުތަކައި ދިފާއީ ބާރާމެދު އެމްޑީޕީގެ ސަރުކާރުން ވެފައި އޮތް އިހުމާލު ނައްތާލައި ހިދުމަތްތަކުގެ ފެންވަރު މަތި ކުރަމުން އަންނަ ކަމަށްވެސް މެމްބަރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މެމްބަރުގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވަނީ ބަޔާންކޮށްފައިވާ ކަންކަމަކީ އިދިކޮޅު ފަރާތްތަކަށް ގަބޫލު ކުރެވޭ ކަންކަމަށް ނުވާތީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލަން ކެނޑިނޭޅި، ހިފެހެއްޓުމެއްނެތި، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށާއި ރައްޔިތުން ރައީސް ޔާމީނަށް އަދާކުރަނީ ހައްގު ޝުކުރެއް ކަމަށް މެމްބަރުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *