ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ
ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

ޕީޕީއެމްއާއި އިތުރު ހަތަރު ޕާޓީއަކުން ފައިސާ ދޫކުރުމަށް ގޮވާލައިފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ޖެހޭ ފައިސާ ދޫކުރުމަށް ޕީޕީއެމް އާއި އިތުރު ހަތަރު ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފައިސާ ދޫކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައެއްނުވެ އެވެ.

މި މައްސަލައިގަ އިލެކްޝަނަށް ފާޑު ކިޔާފައިވަނީ ޕީޕީއެމްއާއި، އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ޑީއާރުޕީ އެވެ. އެކަމަށް ގޮވާލައި އެ ފަސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިން ވަނީ ޕީޕީއެމްއިން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރީތޯ ސުވާލުކޮށްފައި އެވެ.

އޭގެ ޖަވާބުގައި ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވީ ހަމައެކަނި ޕާޓީތަކަށް ފައިސާ ނުދޭ މައްސަލައިގެ ވާހަކަ ދައްކަން ކަމަށެވެ. އަދި ފައިސާ ދޫނުކުރާ މައްސަލަ އަކީ ހުރިހާ ޕާޓީއަކަށް ދިމާވެފައިވާ މައްސަލައަކަށް ވުމުން އެކަމާ ބެހޭގޮތުން ހުރިހާ ޕާޓީތަކެއް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

އަލީމް ވިދާޅުވީ ގާނޫނާއި އެއްގޮތަށް އިލެކްޝަނުން ޕާޓީތަކަށް އެފައިސާ ދޫކުރުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައިވާއިރު ފައިސާ ދޫނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށާއި ޕާޓީތައް ހިންގުމަށްވެސް ބޮޑު ހަރަދުތައް ކުރަން ޖެހޭ ކަމަށެވެ.  އެހެންކަމުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ސިޔާސީ ޕާޓީތަކަށް ދޫކުމަށް އޭނާ ގޮވާލިއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ޑިއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދަނީ މިނިވަންކަމާއި އެކު ނޫން ކަމަށާއި އީސީގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުން ނުވާ ކަމަށާއި އެކޮމިޝަންގެ މަގުސަދަކީ ސިޔާސީ ޕާޓީތައް ހުއްޓުވާލުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފައިސާ ނުދީ ހިފެހެއްޓީ ފިންގަޕްރިންޓް ނެތް މެމްބަރުންގެ ފިންގަޕްރިންޓް ހުށަހެޅުމަށް ދިން މުއްދަތު ހަމަނުވާތީ ކަމަށް ބުނެއެވެ. މިދިޔަ ހަފްތާގައި އީސީން ބުނީ އެ ދުވަސް ހަމަވުމުން އިދާރީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްފަހު ފައިސާ ދޫކުރާނެ ކަމަށެވެ. އެކަމަކު ފަހުން އެ ކޮމިޝަނުން ވަނީ ޕާޓީތައް ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް، އިސްލާހުވުމަށް އަންގައި ފައިސާ ދިނުން ފަސްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.