ޒުވާނުންނަށް އަމާޒުކޮށްގެން އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ފެށުމަށް ސަރުކާރުން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަހު ބޭއްވި އެވޯޑު ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ. އެ ލޯން ސްކީމަކީ 200 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ.
ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ސަރުކާރުން ކުރިޔަން ގެންދާ އެ މަޝްރޫއުގެ ދަށުން ލޯނަށް އެދޭ ފޯމް މިހާރު އެ ސްކީމަށް ހާއްސަ ކުރެވިގެން އުފައްދާފައިވާ ވެބްސައިޓް (ގެޓްސެޓް ޑޮޓް އެމްވީ) އިން ލިބޭނެ ކަމަށާއި އާދިއްތަ ދުވަހުން ފެށިގެން ޔޫތ މިނިސްޓްރީންވެސް ފޯމް ދޫކުރަން ފަށާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ ސްކީމްގެ ދަށުން 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ ލޯން ދޫކުރާނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ހިޔާލެއް ހުށަހެޅުމެވެ. އެގޮތުން ހިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެން ކަމަށް ބުނެފައިވެ އެވެ. ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމުގައި އިންޓްރެސްޓް ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެކި އަދަދެވެ. އެގޮތުން އެންމެ މަތިން އިންޓްރެސްޓް ރޭޓުގެ ގޮތުގައި ދައްކަން ޖެހެނީ އަށެއް އިންސައްތައެވެ.
ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީހާއި ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި ބޮޑު ކުޑަމިނާއި ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި ދެފަރާތް މަޝްވަރާ ކުރުމަށްފަހުގަ އެވެ. ޒުވާނުންނަށް ދޫކުރާ މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށެވެ.