ސަރުކާރުގެ މައި ގަރާޖުގެ ގޮތުގައި ބޭނުން ކުރުމަށް ”ސިވެކް އިންޖިނިއަރިން“ އިފްތިތާހް ކޮށްފި

ސަރުކާރުގެ ހުރިހާ މުއައްސަސާއަކާއި އިދާރާތަކެއްގައި ބޭނުންކުރާ ވެހިކަލްތަކާއި އެލެކްޓްރިކް ސާމާނުތައް މަރާމާތު ކުރުމަށް ސަރުކާރުގެ މައި ގަރާޖުގެ ގޮތުގައި ”ސިވެކް އިންޖިނިއަރިން ސާވިސް“ އިފްތިތާހް ކޮށްފި އެވެ.

މި ހިދުމަތް އިފްތިތާހު ކޮށްފައިވަނީ ސިފައިންގެ އިންޖިނިއަރިން ގަރާޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހިދުމަތް އިފްތިތާހް ކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެވެ.

IMG_20150101_104045
ސިވެކް އިންޖިނިއަރިން ހިދުމަތް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ދުވަސް ފޮޓޯ

ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ހިދުމަތް ކުރިއަށްދާނީ ކޯޕަރޭޓް އުސޫލުން ކަމުން ސިފައިންގެ އުޅަނދުތައް މަރާމާތު ކުރުމުގައި ބަޖެޓަށް ބަރޯސާވުން ކުޑަވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެހާ އުޅަނދުތަކަށް އެއް ތަނަކުން ހިދުމަތްދޭ ގޮތަށް ހެދުމުން ހިދުމަތް އަވަސްވެގެންދާނެ ކަމަށާއި ބޭނުންވާ ތަކެތި ހޯދުމުގައި އެތައް ގުނައެއް އަވަސް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

”ސިފައިންނަކީ އަބަދު ޔުނީފޯމްގަ ތިބޭނެ ބައެއް ނޫން، ރިޓަޔާވެސް ކުރާނެ، ރިޓަޔާ ކުރުމަށްފަހު ސިވިލިއަނެއްގެ ގޮތުގައި ސިވެކްގައި މަސައްކަތް ކުރެވޭނެ، އެ ފުރުސަތު ހުޅުވިގެންދާނެ“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިވެކްގެ ގަރާޖުން ވަޒީފާގެ ފުރުސަތު ތަކާއި ތަމްރީނު ޕްރޮގްރާމް ތަކާއި އަދި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ހުޅުވިގެން ދާނެ ކަމަށެވެ.

IMG_20150101_101449
ސިވެކް އިންޖިނިއަރިން ހިދުމަތް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ދުވަސް ފޮޓޯ

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިވެކްގެ ފުރަތަމަ ގަރާޖު އެމްއެންޑީއެފްގެ އިންޖިނިއަރިން ގަރާޖުގައި އިފްތިތާހް ކުރެވޭއިރު ކުރިއަށް އޮތް ތާނގައި މާލޭގައްޔާއި ހުޅުމާލޭގައި ސިވެކްގެ ގަރާޖު ހުޅުވޭނެ ކަމަށެވެ. އަދި ސިވެކްގެ ބޮޑު ގަރާޖެއް އިތުރު ތިލަފަޅުގައި ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *