އެތަކެއް ފާފަކުރުން ތަކަކުން ސަލާމަތްވެ ޙިދާޔަތް ލިބުނު ދިވެއްސެއްގެ ވާހަކަ

މަރިޔަމް ވަހީދާ

މިއީ ދިވެހި ފިރިހެނެއް، ޒުވާން އުމުރުގައި މަސްތުވާތަކެއްޗާއި އެހެނިހެން ބައިވަރު ފާފަ ކުރުން ތަކަކުން އަމިއްލައަށް ސަލާމަތްވެ ޙިދާޔަތް ލިބުނު ގޮތުގެ ހަޤީޤީ ވާހަކަ އެކެވެ.

އުމުރުން 13 އަހަރުން ފެށިގެން 21 އަހަރު ވަންދެން ޝައިޡާނާގެ ނުބައި ވަސްވާހުގައި ޖެހި، މަގުން ކައްސާލާފައި ހުރެވުން ކަމުގައި ވިޔަސް، ލިބުނު ރަނގަޅު ފުރުސަތެއްގެ ސަބަބުން ސީދާ ވެގެންވާ ތެދުމަގު އިޚްތިޔާރު ކުރެވުނެެވެ.

“އަހަރެންގެ ހަޔާތުގެ އެ އަނދިރިކަން ފެށުނީ އުމުރުން 13 އަހަރުގައެވެ. ފާޙިޝް އަމަލުތަށް ކުރުމަށް އަހަންނަށް ވަދެވުނީ ކުޑައިރުއްސުރެ އުޅެން ޖެހުނު ނިކަމެތި ދަތި ހާލުގެ ސަބަބުން ނުބައި ރަޙްމަތްތެރިން އިޚްތިޔާރު ކުރެވިގެން ކަމަށް އަހަންނަށް ޤަބޫލު ކުރެވެއެވެ. އެންމެ ބޮޑަށް ޖެހެވުނީ މަސްތުވާ ތަކެތީގެ ވަބާގައެވެ. އޭގެ ވަބާގައި ޖެހިގެން ހުރެ ދެން އެހެން އިތުރު ކަންތައްތަކުގައި ވެސް ޖެހެވުނެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި ގައިގޯޅިވެ ޒިނޭ ކުރުމާއި ރާބުއިން ފަދަ ނޭދެވޭ ކަންތައް އަހަންނަށް ކުރެވުނެވެ. ޝައިޡާނާގެ ވަސްވާހުގައި އަހަރެން ހުރީ ހަމަ ރަނގަޅަށް ވެސް ޖެހި އޭނާއަށް ޡަބަޢާވެވިފައެވެ.

އަހަރެންގެ މަންމަ އާއި ބައްޕަ އަކީ ނުކުޅެދޭ ދެމީހުންނެވެ. ދެމީހުންނަކީ ވެސް ޖިންނި ނަފްސާނީ ބަލިމަޑު ކަމެއް ތަޙައްމަލު ކުރަމުން އަންނަ ދެމީހުންނެވެ. ބައްޕަ އަށް ވުރެ ބޮޑަށް މަންމަ ހުންނަނީ ސަކަރާތް ވެފައެވެ. އާއިލާގައި ދެން ހުންނަނީ އަހަރެންގެ ދޮންތަ އެވެ. އާއިލާގައި އެހެން މީހުން ތިބި ކަމުގައި ވިޔަސް އެމީހުން ގެ އަޅާލުން ކުޑައެވެ. މައިންބަފައިންގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން އެމީހުންނަށް އެހާ ވަރަށް އަހަންނަށް އަޅައެއް ނުލެވެއެވެ. ފެށުނީއްސުރެ ވެސް އުޅެމުން އައީ ވަރަށް ނިކަމެތި ހާލެއްގައެވެ. ބައެއް ދުވަސް ދުވަހު، ކާން ވެގެން ކައްކާ ބަތް ތެއްޔަށް އަޅާނެ ލޮނު ކޮޅެއް ނެތިގެން މޫދު ލޮނު އަޅައިގެން ކެއި ހަނދާން ވެއެވެ. އަދި އަނެއްބައި ދުވަސް ދުވަހު ކާނެ އެއްޗެއް ނެތިގެން ކުރުނބާ އަޅައިގެން ކެއި ހަނދާން ވެސް ވެއެވެ.

އެފަދަ ނިކަމެތި ހާލެއްގައި ދިރިއުޅެމުން ދަނިކޮށް، ސްކޫލް ދައުރުގެ ތެރެއިން އަހަންނާއި ދިމާވީ އެ “ރައްޓެހިން” ނާއެވެ. އަހަންނަކީ ދުނިޔެއަށް ހަމަ އިތުރުވެފައި ހުރި ބޮލެކޭ، ހިތަށް އެރުމުގެ ސަބަބުން އަހަންނަށް ހިތްހަމަ ޖެހުން ލިބެނީ އެމީހުންނާއި ބައްދަލު ކުރުމުން ކަމަށް އަހަންނަށް ހީވިއެވެ. އެމީހުން ނުރަނގަޅު ކަންތައްތައް ކުރާކަން އެނގި ހުރެވެސް އެދުވަސްކޮޅު، އެއީ ނުރަނގަޅު ކަންތައްތަކެއް ކަމަކަށް އަހަންނަކަށް ނުފެނުނެވެ. އެމީހުންނާއި އެކީ އުޅެމުން އެންމެ ފުރަތަމަ ފެށުނީ ރާބޯށެވެ. އަދި އެއަށްފަހު މަސްތުވާ ތަކެތީގެ ވަބާގައި ޖެހެވުނެވެ. ސްކޫލް ދައުރު ނިމިގެން އަހަރެން ވަޒީފާ އަކަށް ގޮސް އާމްދަނީ ލިބެން ފެށުމުން، އެފާޙިޝް އަމަލުތަށް ކުރިއަށް ގެންދިޔުމަށް އިތުރަށް މަގުފަހިވިއެވެ. އެތަކެތި ގަނެ ވިިއްކާ ހެދީމެވެ. އަދި އަންހެން ކުދިންނާއި އެކީ ޒިނޭ ވެސް ކުރީމެވެ. ވަގުތީ އުފާ ދެނިވި، އާޚިރުގައި ވޭން ދެނިވި އެދިރިއުޅުމުގައި އަހަރެންގެ އުމުރުން 21 އަހަރުވަންދެން އުޅުނީމެވެ.

އެފާޙިޝް އަމަލުތަކުން ސަލާމަތްވެ ހިދާޔަތުގެ މަގު ލިބުނީ، ރީހެބަށް ދިޔަ ފަހުންނެވެ. އެތަނަށް އަހަރެން ދިޔައީ ޖަލުގެ އަދަބުތަކުން ‘ރެކެން’ ކަމުގެ ނިޔަތުގައި ވިޔަސް، ރީހެބަށް ދާން އެފުރުސަތު ލިބި އެފުރުސަތުގެ ބޭނުން އަހަންނަށް ހިފުނީ، އަހަންނަށް ޙިދާޔަތް ލިބެން މާތް ﷲ އިރާދަކުރެއްވުމުން ކަމަށް އަހަންނަށް މިހާރު ޤަބޫލު ކުރެވެއެވެ.

މަސްތުވާ ތަކެތީގެ ތެރޭގައި އުޅެމުން ދަނިކޮށް ފުލުހުންގެ އަތް ދަށުވެގެން، އަހަރެން ހައްޔަރުކޮށް އަތޮޅު ވެއްސަށް ގެންދިޔުމަށްފަހު ދެން ގެންދެވުނީ ދޫނިދޫ އަށެވެ. ކޯޓުން ހުކުމް އިއްވަންދެން އެތަނުގައި ގާތްގަނޑަކަށް 14 ވަރަކަށް ދުވަސް ވޭތުކުރީމެވެ. އެއިރު އަހަންނަށް ހެޔޮ އެދޭ ފުލުހަކު އަހަރެން ގާތު ބުނީ ރީހެބް އަށް ދިޔުމުގެ ޗާންސް އިން ކަމަށާއި، ރީހެބް އަށް ގޮސް އެތަނުން ފަރުވާ ހޯދައިގެން މުޖުތަމަޢުގެ ތެރެއަށް ނިކުތުމަށެވެ. އޭނާ އެހެން ބުނި ކަމުގައި ވިޔަސް އަހަރެންގެ ހިތަށް އެއިރު އެރީ، ރީހެބަށް ގޮސްފިނަމަ ޖަލުގެ އަދަބުތަކުން ސަލާމަތްވީ އޭ، ރީހެބްގަ އުޅެލާފަ، އެކަން ނިމުނީމަ އަނެއްކާވެސް އަހަރެން މިނިވަންވީ އޭ، މިހެންނެވެ. އެހެންވެ އެޚިޔާލުގައި އަހަރެން އެޗާންސް ނަގާ، ރީހެބަށް ދިޔައީމެވެ. ޖަލުން ނިކުތުމުގެ ނިޔަތުގައި އެކަންޏެވެ. ރަނގަޅު ވުމުގެ ނިޔަތަކު ނޫނެވެ.

ރީހެބަށް ގޮސް އެތަނުގައި އުޅުނު ދުވަސްކޮޅުގައި ވެސް ހިތުގައި ނުތަނަވަސް ކަމެއް ހުރެއެވެ. މިވަނީ ކީއްބާއޭ، އަސްލު އަހަންނަށް ފަހުން ކަންތައްވާނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެތަނުގައި ކޮންމެ ދުވަހަކުވެސް ފޯނު ކޯލެއް ކޮށްލަން ލިބެއެވެ. ނަމަވެސް އެފޯނު ކޯލު ކޮށްލަން ލިބެނީ ގަވައިދުން ހުރިހާ ނަމާދެއް ކުރާނަމައެވެ. އެންމެ ނަމާދެއް ވެސް އަޅައިފިނަމަ، ފޯނު ކޯލް ކެންސަލް ވެއެވެ. ކޮންމެ ދުވަހަކު ވެސް އަހަރެންގެ ދޮންތައަށް ގުޅަން އަހަރެން ބޭނުންވިއެވެ. އެހެން ކަމުން ނަމާދު ކުރަން މަޖުބޫރު ވިއެވެ. ނަމަވެސް އެހާ ގިނަ ދުވަސް ފަހުން ނަމާދު ކުރަން ފެށުމުން، ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ހަމައެކަނި ހަރަކާތްތަކެއް ކޮށްލާފައި ނިންމާލަނީ އެވެ. ތެދަށް ބުނަންޏާ، ފަރުވާތެރި ކަމާއިއެކީ ނަމާދު ކުރާނަމޭ އެއިރު ހިތަކަށް ވެސް ނާރައެވެ. ހަމަ އެކަނި ބޭނުންވީ އެތަނުގައި ތިބި މީހުންނަށް ކަންދައްކާ އެފޯނުކޯލު ކުރުމަށެވެ.

ނަމަވެސް އެހެން ކަންތައް ކުރަން ފެށުމުން (ނަމާދު ކުރާކަން ދެއްކުމުގެ ސަބަބުން) ހިތުގައި މާބޮޑަށް ނުތަނަވަސް ކަމެއް އުފެދެން ފެށުނެވެ. އެހުރިހާ ފާފަތަށް އެއިރު ކުރި އިރުވެސް އެކުރެވުނީ ނުބައި ކަމެކޭ ބޮޑު ފާފަ އެކޭ ހިތަކަށް ނާރައެވެ. ނަމަވެސް ނަމާދު ކުރާކަން ދެއްކުމުގެ ސަަބަބުން، އެކުރެވުނީ ހާދަ ބޮޑު ފާފައެކޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަދި އަމިއްލަ ނަފްސު އެކަމާއި ދެރަވެ ލަދު ގަންނަން ފެށިއެވެ. އެހެންކަމުން އަހަރެން ނިންމީ ނަމާދު ފުރިހަމައަށް ރަނގަޅަށް ކުރަން ދަސް ކުރުމަށެވެ.

އެގޮތުން ރީހެބްގައި ހުރި ފޮތްތަށް އަހަރެން ކިޔަން ފެށީމެވެ. އެންމެ ފުރަތަމަ ދަސްކުރީ ނަމާދުގައި ކިޔާ އެއްޗެއްސެވެ. އަދި އެއަށްފަހު އިސްލާމްދީނާއި ގުޅުންހުރި އެހެން ފޮތްތަށް އަހަރެން ކީމެވެ. ކުރިން ނޭނގިހުރި ވަރަށް ގިނަ މަޢުލޫމާތު ތަކެއް އަހަންނަށް ލިބި، އަހަންނަށް ކުރިން އުޅެވުނު ގޮތާއިމެދު ލަދު ގަންނަން ފެށިއެވެ. އެއްމަސް ދުވަސް ތެރޭގައި އަހަންނަކީ ގަވައިދުން ރަނގަޅަށް ނަމާދު ކުރާ މީހަކަށް ވިއެވެ. ކޮންމެ ނަމާދެއްގައި ވެސް އަހަންނަށް ކުރިން އުޅެވުނު ގޮތާއިމެދު ހިތާމަކޮށް އެކަންތައްތަކަށް ތަޢުބާވަމެވެ. ނަމާދުކޮށް ނިމުމުން އަހަރެންގެ މުޅި ނަފްސު ހުންނަނީ ޡާޙިރުވެފައެވެ. ކުރިން ހުރި ނުތަނަވަސް ކަމެއް ނުހުރެއެވެ. އަދި ފާހަގަވާން ފެށި އަނެއް ކަމަކީ ކޮންމެ ދުވަހެއްގެ ވެސް ފަތިސް ނަމާދަށް ބަންގި ގޮވުމުގެ 30 މިނެޓު ކުރިން އަހަންނަށް ހޭލެވޭ ކަމެވެ. ކިތަންމެ ލަހުން ނިދޭ ރެއެއް ކަމުގައި ވިޔަސް ހަމަ އެގަޑިއަށް އަހަންނަށް ހޭލެވެން ފެށިއެވެ.

ރީހެބުން ނިކުމެގެން މުޖުތަމަޢަށް އަހަރެން ނިކުތީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ކުރިން އުޅުނު ވިޔާނުދާ ގޮތް ގޮތަށް އަލުން އުޅެން އަހަރެން ބޭނުމެއް ނުވިއެވެ. ބޭނުންވީ ޞާލިޙު އަޅެއް ގޮތުގައި މުޅި އުމުރު ވޭތުކުރާށެވެ. އެގޮތުން އަހަރެން ވަޒީފާއެއް އަދާކުރަން ފެށީމެވެ. އަދި ޒަވާޖީ ޙަޔާތެއް ފެށުމަށްޓަކައި އަހަރެން ކަހަލަ ނިކަމެއްޗަކާއި ކައިވެނި ކުރީމެވެ. އޭނާއަކީ ކުރިން އެހެން ކައިވެންޏެއްކޮށް ދެދަރިންވެސް ލިބިފައިވާ މީހެކެވެ. ގުޅުމުގެ ގޮތުން އެއީ އަހަރެންގެ ދޮންދަރިން ކަމުގައި ވިޔަސް، އަހަރެން އެކުދިން ދެކެ ލޯބިވެ، އެކުދިންނަށް ވެސް އަޅާލަނީ ހަމަ އަހަރެންގެ އަމިއްލަ ދަރިން ފަދައިންނެވެ. އަދި އަހަރެންގެ އަމިއްލަ ދެދަރިންނާއި އެކުދިން ތަފާތެއް ވެސް ނުކުރަމެވެ.

ދިރިއުޅުމަކީ އަބަދުވެސް ތަފާތު އެކި ކަންކަމާއި ކުރިމަތިލާން ޖެހޭ އެއްޗެއްކަން އަހަރެން ޤަބޫލު ކުރަމެވެ. އަދި ވަރަށް ގިނަ ކަންތައްތަކަށް ކެތްތެރިވެސް ވާން ޖެހެއެވެ. އަހަރެންގެ ދެދަރިންނަކީ ވެސް ބަލި ދެ ކުދިންނެވެ. ފިޓު ޖެހޭ ދެކުދިންނެވެ. ވަރަށް ފަހުން ވެސް ކުޑަމީހާއަށް ފިޓު ޖެހިގެން، ފަރުވާ ކުރުމަށް މާލެ އައީ ރައްޓެއްސަކު ދިން 200 ރުފިޔާ ހިފައިގެންނެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއި އެކު، އަދި އެހެން ރަޙްމަތްތެރިންގެ ވެސް ބުރަ މަސައްކަތާއި އެކު އެއިރު ވަރަށް ބޮޑު އެހީތެރި ކަމެއް ލިބިގެން ރާއްޖެއިން ބޭރަށް ގޮސް ދަރިފުޅަށް ބޭސް ކުރީމެވެ. އައިޝާ، ޝާހިދާ އަދި ޝާދިޔާ އަކީ އަހަރެންގެ މުޅި އުމުރުގައިވެސް ޝުކުރުވެރި ވާނޭ ތިން މީހުންނެވެ.

މާތް ﷲ ގެ އިރާދަފުޅާއި އެކީ އަހަރެން މިހާރު އެއްވެސް ފާޙިޝް އަމަލެއް ނުކުރަމެވެ. ނަމަވެސް ހިތާމައަކީ އަހަރުމެންގެ މި ދިވެހި މުޖުތަމަޢު އެވެ. ރަނގަޅު ވެގެން މިމުޖުތަމަޢު ތެރެއަށް ނިކުތް ކަމުގައި ވިޔަސް، މާޒީ ހަނދާން ކޮށްދީ އަހަރެންފަދަ މީހުންނަކީ އަދިވެސް ‘ވިޔާނުދާ’ ބައެއް ކަމުގައި ގިނަ މީހުން ދެކޭކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އަހަންނާއި ދިމާލަށްވެސް ބައެއް މީހުން އެހެން ބުނެފައި އެބަހުއްޓެވެ. ރަނގަޅުވާން އުޅޭ މީހަކުވެސް ނުވަތަ ރަނގަޅު ވެފައި ހުރި މީހަކު ވެސް މި ދިވެހި މުޖުތަމަޢުގައި ބަލައި ނުގަންނަ ކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ކޮންމެ މީހަކުވެސް ބަލަނީ ހިތްވަރު ދިނުމަށް ވުރެ ބޮޑަށް، ފާޑު ކިޔޭތޯ އެވެ.

މިހާރު އަހަރެންގެ އުއްމީދަކީ އަހަރެންގެ އަނބިދަރިންނަށް އަމިއްލަ ބޯހިޔާވަހި ކަމެއް އަވަހަށް ހޯދާ ދިނުމެވެ. އެމީހުން ދިރިއުޅެނީ އަމިއްލަ ރަށުގައި ކަމަށް ވިޔަސް، ގެ މަރާމާތު ކުރާތީ ދިރިއުޅެނީ ކުއްޔަށެވެ. އަހަރެންގެ އަމިއްލަ ބުރަ މަސައްކަތުން ގެ ރާނާ ހުރިހާ ކަމެއްކޮށް ނިމިއްޖެއެވެ. ހަމަ އެކަނި އޮތީ ގޭގައި ކަރަންޓުލުމެވެ. އިންޝާ ﷲ އެކަންވެސް އަހަރެން ކުރާނަމެވެ. އެކަމަށް ގިނަ ދުވަސް ނެގި ކަމުގައި ވިޔަސް އަދި ކިތަންމެ މަދުން ފައިސާ އެއްކުރެވުން ކަމުގައި ވިޔަސް، ހިތްވަރާއި އެކީ މަސައްކަތްކޮށްގެން އިންޝާ ﷲ އަހަރެން އެކަން ވެސް ކާމިޔާބު ކުރާނަމެވެ. “

3 ކޮމެންޓް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here