ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މިމަޝްރޫޢު ރައީސް ޔާމީން އިފްތިތާހް ކޮށްދެއްވާފައިވާ އިރު، މިމަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 142 މިލިއަން ރުފިޔާ އާއި ކުވައިތު ފަންޑުން 155 މިިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢު އެކެވެ. އަދި މިމަޝްރޫޢު އަކީ ދިވެހި ރާއްޖޭގެ ރަށެއްގައި މިސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢު އެވެ.
ފުވައްމުލަކު ސިޓީ ގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުޏެއް ކަމަށްވާ ސިއެރާ އާ އެވެ. މިމަސައްކަތުގެ އިތުރުން ސިއެރާއިން މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށްޓަކައި، ދެ ވެކިއުން ޕަމްޕް ސްޓޭޝަން ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ. އަދި 29 ކިލޯ މީޓަރުގެ ވެކިއުމް ވިއުގަ އަކާއި 31 ކިލޯ މީޓަރުގެ ގްރެވިޓީ ވިއުގައެއް އަޅަންވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މި ފުވައްމުލަކު ސިޓީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ދުވާލަކު 500 ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓު ގާއިމްކޮށް، 38 ކިލޯ މީޓަރު ދިގުމިނުގެ ފެނުގެ ވިއުގައެއް ގާއިމްކުރުމަށް ހަމަޖައްސާފައިވެއެވެ. އަދި ގޭގެއަށް ފެން މީޓަރު ގުޅައިދިނުމުގެ އިތުރުން ފެން ރައްކާ ކުރާނެ ތާނގިއެއްވެސް މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގައި ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމެއް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.