ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ނުވަނީސް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން އުނދަގޫ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓު ހޯދުމުގައި އަމަލު ކުރަންޖެހޭ ގޮތާއި ގުޅޭގޮތުން މެންބަރަކު ޕީޕީއެމް ވައިބާ ގްރޫޕުގައި ކުރެއްވި ސުވާލެއްގެ ޖަވާބުގައި އެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފައި އެވެ.
މެންބަރު އެސުވާލު ކުރެއްވުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ޕާޓީތެރޭގައި ހުރި މައްސަލަތައް ހައްލު ނުކޮށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވުމުން އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ކަަމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައި އެވެ.
”ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ނުކޮށް“ ރައީސް ޔާމީން ވިދާޅުވެފައި ވެ އެވެ.
ސުވާލު ކުރެއްވި މެންބަރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޓީކެޓު ހޯދަން ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕާޓީ ތެރޭ ހިޔާލުތަފާތުވުން އުފެދިފައިވާތީ ފޯމް ލާންވީ ތަނެއް މެންބަރުންނަށް ސާފު ނުވާ ކަމަށެވެ. އެކަމަކު ޕީޕީއެމްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފޯމް ހުށަހަޅަންޖެހޭނީ އެ ޕަޓީގެ އޮފީހަށް ކަމަށެވެ.
މައުމޫންވެސް ވަނީ އެ މެންބަރުގެ ސުވާލަށް ޖަވާބުދެއްވާފައި އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ބޭނުންވާ ބޭފުޅުން ފޯމް ފުރުމަށްފަހު ޕީޕީއެމްގެ އޮފީހަށް ފޮނުވުމަށް އެދޭ ކަމަަށެެވެ. އަދި ޓިކެޓް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމްގެ އޮފީހާއި ވަކިން ކެމްޕެއިން އޮފީހެއް ހިންގަވަމުންނެވެ.
ޕީޕީއެމްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ނިލަޔަލަށް އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ކޮންމެ މީހަކަށް އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޓިކެޓަށް އެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ފޯމް ލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 16 ވަނަދުވަހުގެ ނިޔަލަށެވެ.
މިރޭ ޕީޕީއެމްއިން ވަނީ އެ ޕާޓީގެ އާންމު ހުރިހާ މެންބަރުންނަށް މެސެޖަކުން ޓިކެޓަށް އެދުމުގައި އަމަލު ކުރަންވީގޮތް އަންގަން ފަށާފައި އެވެ. ފަހަރުގައި މި މެސެޖު ފޮނުވަންޖެހުނީ ވައިބާ ގްރޫޕުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ކަމަށް ވުން އެކަށީގެންވެ އެވެ.