ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ގާއިމްކޮށްދީ، އަދި ކޮށްދޭނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.
ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނު ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމަށް ތަރައްގީ ގެނެސް ދިވެހި ރައްޔިތުން ހެއްވާލާށެވެ. ރާއްޖެ ސިންގަޕޫރަށް ހައްދަވާށެވެ. އާބާދީ ބޮޑެތި ރަށްރަށުގައި ތާރު އަޅަން ފަށާފައިވާއިރު މާލޭ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑު މަޝްރޫއެއް ހިންގަމުން އެބަ ގެންދެ އެވެ.

މާފަންނުގައި ދިރިއުޅޭ ރައްޔިތުން މޫދަން އެރެން ދާންޖެހޭ ތަން ދުރުކަމުން މާފަންނުގައި ރަސްފަންނުގެ ނަމުގައި އާޓިފިޝަލް ބީޗެއް ތަރައްގީ ކޮށްދެއްވައިފި އެވެ. އެންމެ މުހިންމު ތަރައްގީގެ މަޝްރޫއަކީ މާލެއާއި ހުޅުލެއާއި ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑިޕް ބްރިޖުގެ ބޮޑު ބިޔަ މަޝްރޫއެވެ.
އަދި ސީދާ ރައްޔިތުންނާއި ގުޅުންނެތް މަޝްރޫއެއް ކަމަށްވިޔަސް ރާއްޖެއަށް ތަރައްގީ އާއި ބޮޑު އާމްދަނީއެއް ލިބޭނެ މަޝްރޫތަކުގެ ގޮތުގައި އައިހެވަން މަޝްރޫއާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫ އަކީ ފާހަގަ ކުރެވޭ ބޮޑެތި މަޝްރޫތަކެވެ.
މި މަޝްރޫތައް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ދަނީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ބޮޑެތި ލޯނުތައް ނަގައިގެންނާއި ހިލޭ އެހީ ހޯދައިގެން ރައްޔިތުން ހެއްވާލުމަށް މަސައްކަތް ކުރަމުންނެވެ.

މާލޭގައި އުޅޭ ރައްޔިތުންނަށް ބްރިޖާއި ރަސްފަންނު ފެނުނަސް އަތޮޅުތެރޭގައި ތިބި ރައްޔިތުން އެތަންތަން ބަލަން ޖެހެނީ ޓީވީންނެވެ. އެ މަންޒަރު ޓީވީން ބަލަން 24 ގަޑި އިރު ކަރަންޓުގެ ހިދުމަތް ދެވެނީ ކިތައް ރަށުގައި ކަން ރައީސް ޔާމީނަށް އެނގިލައްވާތޯ އެވެ. ނުވަތަ މަނިކުފާނު އެކަން ހަވާލު ކުރައްވާފައި ތިއްބެވި ވެރިންނަށް އެކަން އެނގިލައްވަނީ ކިހާވަރަކަށް ތޯ އެވެ.
ވެރިކަމަށް ވަޑައިގެންނެވި ދުވަސްވަރު ”ކަރަންޓު ޔަގީން“ ގެ ނަމުގައި ބޮޑު މަޝްރޫއެއް އިފްތިތާހު ކުރައްވައި ރާއްޖޭގެ ހުރިހާ ރަށަކަށް އާ ޖަނަރޭޓާރު ގެންދިޔަ އެވެ. އެކަމަކު އަލަށް ގެންދިޔަ ޖަނަރޭޓަރުތައް ގިނަ ރަށްރަށުގައި ހަލާކުވެ މިހާރުވެސް ބޭނުން ކުރަމުންދަނީ ކުރިން ބޭނުން ކުރަމުންދިޔަ ޖަނަރޭޓަރުތަކެވެ. ގިނަ ރަށްރަށުގައި ކަރަންޓު ދެނީ އެންމެ ޖަނަރޭޓަރަކުންނެވެ.
ބައެއް ރަށްރަށުގައި ތިން ހަތަރު ފަހަރު ކަރަންޓު ނުގޮސް 24 ގަޑިއިރު ފާއިތުވެގެން ނުދެ އެވެ.

ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އިރު ދިވެހިން އެންމެ ބޭނުންވާ އަސާސީ ބޭނުންތައް އެކަށީގެންވާ ގޮތުގައި ފުރިހަމައެއް ނުކޮށްދެވެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ނުވަނީސް ވިޔަފާރިތަކުގެ ކަރަންޓަށް ދެމުން އައި ސަބްސިޑީ ކަނޑާލައި އަގު ބޮޑު ކުރި އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ވިޔަފާރިވެރިން އެކަމާ ދެކޮޅަށް މުޒާހަރާކޮށް ތަކެތީގެ އަގު ބޮޑު ކުރި އެވެ. އެކަމަކު އެ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ސަރުކާރުން ބުނީ ކަރަންޓުގެ އަގަށް އެ ގެނެވުނު ބަދަލަކީ ހަމަ އަގަށް ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ސަރުކާރުން އެގޮތަށް ބަދަލު ގެނައި އިރު އެ ގަވައިދަކީ 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަރަންޓުގެ އަގުތަކަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އެބަދަލު ގެނައި ކަމުގައި ވިޔަސް ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ބަލައި ވިޔަފާރިވެރިން އަތުން ކަރަންޓު ބިލަށް ނަގަމުން އައީ އާންމު ރޭޓުންނެވެ. އަދި ސަބްސިޑީވެސް ދެ އެވެ. އަތޮޅުތެރޭގައި ކުދި ކުދި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުން ދުވާލެއްގެ މައްޗަށް ސަރުކާރުން އެ އަންދާޒާ ކުރާވަރުގެ ބޮޑު އާމްދަނީ އެއް ނުލިބޭނެ އެވެ. އެކަމަކު ލިބެމުންދަނީ ފައިދާއާއި ނުބައްދަލު ބޮޑު ކަރަންޓު ބިލެކެވެ.
މިކަން ސަރުކާރަށް ހައްލު ނުކޮށްދެވޭންވީ ސަބަބެއް ނެތެވެ. ރައްޔިތުންގެ އެދޭ ވެރިކަމެއްގައި ރައްޔިތުން އެގޮތަށް އެދޭނަމަ އަގު ބޮޑު ކުރިހެން ކުޑަވެސް ކޮށްދެވިދާނެ އެވެ.

ކާޑުގެ އަގު 100 ޕަސެންޓަށް ބޮޑު ކުރަން ނިންމި ނިންމުންވެސް ބަދަލު ކުރެވިދާނެ އެވެ. ކާޑުގެ ބާވަތްތަކަށް ދެމުންދިޔަ ސަބްސިޑީ ފަގީރުންނަށް އެކަނި ދޭގޮތަށް ބަދަލު ކުރީ ތަރައްގީގެ މަޝްރޫތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެނިންމުމުގެ ސަބަބުން އާދައިގެ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ބަދަލާއި މެދު ކުޑަކޮށްވެސް ސަރުކާރުން ވިސްނާލި ހެން ހިއެއް ނުވެ އެވެ.
ކާޑުގެ އަގަށް އައި ބަދަލާއި އެކު އެ ބާވަތްތައް ބޭނުންކޮށްގެން ހަދާ ކާއެއްޗެހީގެ އަގު އިންތިހާއަށް ވަނީ އުފުލިފައި އެވެ. އެންމެ ބޮޑު ފައިދާއެއް ނަގަން ފަށާފައިވަނީ މާލޭގައި ގެދޮރު ކުއްޔަށްދޭ މީހުންނެވެ. ކުއްޔަށް އުޅޭ ފަރާތްތަކުގެ ކުއްޔަށް 500 ނުވަތަ 1000 އިތުރު ކުރަމުންދާއިރު މާލޭގައި ކިޔަވަންތިބޭ ގެއަށް ކެއުމާއި ހުރުމަށް ކުރިން 2500 ދައްކައިގެން ތިބޭ އަތޮޅުތެރޭ ކުދިންގެ ކުލި ވަނީ 3500 އަށް ބޮޑުކޮށްފައި އެވެ.
ކާޑުގެ ބާވަތްތަކުން ދެމުންދިޔަ ސަބްސިޑީ ފަގީރުންނަށް އެކަނި ދޭގޮތަށް ބަދަލުކޮށް އެ ބާވަތްތަކުގެ އަގު 100 ޕަސެންޓު ބޮޑުކުރާނޭ އެއްވެސް ދިވެހި ރައްޔިތަކު ހިތަކަށް ނާރައެވެ. އެކަން ވެރިކަން ކުރާ ޕީޕިއެމް މަޖިލިސް މެންބަރުންނަށްވެސް ގަބޫލު ކުރަން ދަތިވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުންނެވެ. އެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ނެތި ދުރާލާ އެންގުމަކާއި ނުލާ ކުއްލިއަކަށް 48 ގަޑި އިރު ދިނުމަށް ފަހު ކާޑުގެ އަގު ބޮޑު ކުރަން ނިންމުމުން ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންވެސް ރުޅި އައެވެ. އެކަމަކު އެ މެންބަރުންނަށް ރައީސް ޔާމީން ވިސްނައިދެއްވީ ތަރައްގީގެ މަޝްރޫތަކަށް ބޭނުންވާ ފައިސާ ލިބެން އޮތީ އެ ބަދަލު ގެނެސްގެން ކަމެވެ.
ކާޑުގެ މައްސަލައިގަ ރައީސް ޔާމީން ވިދާޅުވީ “ސަރުކާރުން ނިންމާ ނިންމުންތައް ނިންމަނީ އިތުރު ޗޮއިސްއެއް ނެތީމަ. އެމްޕީ އިން ސަރުކާރުން ކަންކަން ސާފުކޮށްލައްވާ. އަޅުގަނޑަކީވެސް ރައްޔިތުންގެ ރުހުމާއި ވޯޓު ބޭނުން މީހެއް. ވަރަށް ދެރަވެއްޖެ އަޅުގަނޑު،” ކަމަށެވެ.
ރައްޔިތުން ދަނީ ކޮންމެ ދުވަހަކު އެ ނިންމުމާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންނެވެ. އެއަޑެއް އަދި ސަރުކާރަކަށް ނީވެ އެވެ. އިވޭނެ ހެން ހިއެއް ނުވެ އެވެ.

ރައްޔިތުންގެ ގޮހޮރަށް އަތް ނުބޭނިޔަސް ސަރުކާރުން އެ ވިދާޅުވާ މަޝްރޫތަކަށް ފައިސާ ހަމަޖެހޭނެ މާ ފަސޭހަ ގޮތް ގޮތް އެބަ ހުއްޓެވެ. އެކި ނަންނަމުގައި ސަރުކާރުގެ ވުޒާރާތަކަށާއި ކުންފުނިތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ މުސާރައިން ތަރައްގީއަށް ބޭނުންވާ ބައި އުނި ކުރެއްވި ނަމަ މާ ރަނގަޅުވީ ހެވެ. ރައްޔިތުންނަށް ”އަންޑަސްޓޭންޑު“ ނުވިޔަސް އެ ބޭފުޅުންނަށް ސަރުކާރުގެ ވިސްނުން އެނގި ގަބޫލު ކުރާނެ އެވެ. ފަހަރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރުޅި އައިސްދާނެތީ އެހެން ހައްދަވަން ނުކެރުނީ ކަމަށް ވެދާނެ އެވެ.
އެކަމަކު ރިޔާސީ އިންތިހާބުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެކަނި ވޯޓަކުން ރައީސް ޔާމީނަކަށް ވެރިކަމެއް ނުލިބޭނެ އެވެ.

ތަރައްގީގެ ވާހަކަ ދައްކާއިރު އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ސިއްހީ ނިޒާމާއި ތައުލީމާއި ނަރުދަމާ އާއި ދަތުރުފަތުރުގެ ނިޒާމު އަދި ސާފު ބޯފެން ލިބޭތޯ ބަލަންޖެ އެވެ. ތަރައްގީ އަންނާނީ އޭގެ ފަހުންނެވެ. ބްރިޖަށްވުރެ ބޮޑަށް އަދި ދިވެހި ރައްޔިތުން ބޭނުންވަނީ 24 ގަޑި އިރު ކަރަންޓު ޔަގީންވުމެވެ. އަބަދު މާލެދާން ނުޖެހޭ ތައުލީމީ ނިޒާމަކާއި ސިއްހީ ނިޒާމެކެވެ. ދަތުރުފަތުރުގެ އަގު ހެޔޮ ވާށެވެ.
މާލޭގައި ރައްޔިތުން ބޭނުންވަނީ ރަސްފަންނާއި ބްރިޖަށްވުރެ ގެދޮރުވެރިކަމެވެ. މާލޭން ފްލެޓާއި ގޯތި ގަތުމަކީވެސް ދިވެހި އާދައިގެ ރައްޔިތަކަށް ކުރެވޭވަރުގެ ކަމަކަށް މިހާރު ނުވެ އެވެ. ލިބޭ ފްލެޓަށް ދައްކަންޖެހޭ ކުލި އެހާބޮޑެވެ. ހުޅުމާލޭގައި ގޯތި ވިއްކަނީ އެހާ އަގު ބޮޑު ކޮށެވެ.

ރައްޔިތުން ސަރުކާރުގައި އެދެނީ މި ހިދުމަތަތައް ފޯރުކޮށްދިނުމަށެވެ. އަސާސީ ހިދުމަތްތައް ނުލިބި ތަރައްގީގައި ހަގީގީ ކުލައެއް ނުޖެހޭނެ އެވެ.