އެމްޑީޕީގެ ނައުބު ރައީސް ޝިފާޒު މިރޭގެ މުޒާހަރާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ނައުބު ރައީސް ޝިފާޒު މިރޭގެ މުޒާހަރާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

އެސްޓީއޯ އުފެއްދި މަގުސަދު އޮޅުވާލައި ރައްޔިތުން ބަނޑަށް ޖައްސައިފި: ޝިފާޒު

ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން އެސްޓީއޯ އުފެއްދި މަގުސަދު އޮޅުވާލައި ރައްޔިތުން ބަނޑަށް ޖައްސައިފި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޝިފާޒު މިހެން ވިދާޅުވީ ކާޑުގެ ބާވަތްތައް އަގު ބޮޑު ކުރުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުން މިހާރު ކާނިވާ ސަރަހައްދުގައި ކުރިޔަށް ގެންދާ ”ބަނޑަށް ޖައްސައިފި“ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާޒުގެ ވާހަކަގައި ވަނީ ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.

އޭނާ ވިދާޅުވީ މިއަދު އެސްޓީއޯއިން އެހެން ވިޔަފާރިތަކުގައި ޝާމިލްވިޔަސް ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ ކުންފުނި އުފެއްދި މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގަކީ މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ބޮޑު ކުރެއްވި އަގެއް ނޫންކަމަށާއި ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދެމުން އައި އެސްޓީއޯ ”ރައްޔިތުންގެ ލޭ ބޯ ކުންފުންޏަކަށް“ މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.

”ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި މިހާތަނަށް އެއްވެސް ވެރިއަކު ރައްޔިތުންގެ ގޮހޮރަށް އަތް ބާނާފައެއް ނުވޭ. ސައްހަ އޮޑިޓެއް ކޮށްފިއްޔާ، ގައުމު މިވަނީ ބަނޑަށް ޖައްސައި ބޭންކްރަޕްޓް ވެފައިކަން އިއުލާންވެގެން ދާނެ ކަން ކަށަވަރު،“ ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދަނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން މެދުވެރިކޮށެވެ. ސަރުކާރު ތަމްސީލް ކުރައްވާ މެމްބަރުން ލައްވައި ޑިމޮކްރަސީ ފޭރިގަނެ ގާނޫނުއަސާސީގެ ބާރު ނަގާލައި އިންސާފު ހޯދުމުގެ މަގު ކޮރަޕްޓްކޮށްފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ކާޑުގެ އަގު 100 ޕަސެންޓަށް ބޮޑުކޮށް ކުރިން ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭގޮތަށް ސަރުކާރުން ހަމަޖެއްސުމުން މުޅި ރާއްޖޭގައި ދަނީ  މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރުވެސް ވަނީ ގިނަ ރަށްތަކެއްގައި ކާޑުގެ އަގު ކުޑަ ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *