މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ސާމިލުވިކަމަށް ތުހުމަތުކޮށް އިންޑިއާގައި ދިވެއްސަކު 10 އަހަރު ދުވަހަށް ޖަލަށް ލުމަށް އިންޑިއާގެ ބެންގަލޫރު ސިޓީ ކޯޓުން ހުކުމް ކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ބެންގަލޫރު މިރާ ގައި ބުނެފައިވާގޮތުން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށްވާ އަޖޫތު މުހައްމަދު އެވެ. އޭނާއާއެކު ހަމަ އެ މައްސަލައިގާ އިންޑިއާގެ ދެމީހަކު ހަމަ އެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި ވާގޮތުން އިންޑިއާގެ ބެންގަލޫރު ސެންޓްރަލް ކްރައިމް ބްރާންޗް ޓީމުން، އަޖޫތު މުހައްމަދު އަދި ބަންވާރީ ލާލް އަދި ޗޭތަން ސަކްޝޭނާ ހައްޔަރުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. 500 ގްރާމްގެ ހިރޮއިން އާއި އެކުގަ އެވެ.
ބަންވާރީލާލް އަދި ޗޭތަން ޝަކްޝޭނާ އަކީ ދިވެހި“ޑްރަގް ކާޓެލް“ އަކާއި ގުޅުން އޮތް އަދި އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ކަމަށްވެސް އެ ނޫހުގައި ވެ އެވެ.
”10 އަހަރުގެ ޖަލު ހުކުމުގެ އިތުރުން އެ ތިން މީހުންވެސް ވަނީ 10 ހާސް ރުޕީސް އިން ޖޫރިމަނާ ކޮށްފައި، އަދި އެ ޖޫރިމަނާ ނުދައްކައިފިނަމަ ޖަލު މުއްދަތަށް އެއް އަހަރު އިތުރުވާނެ ކަމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައި“ އެ ނޫހުގައި ވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރި ފަރާތްތަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އަޖޫތު އިންޑިއާއަށް ގޮސްފައިވަނީ މެޑިކަލް ވިސާއެއްގައި ކަމަށާއި އަޖޫތު ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އަދި އެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 60 ލައްކަ އަށް އަރާނެ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.