ސިޔާސީ ޕާޓީތަކަށް މިއަހަރަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރެވޭނީ އިނގިލީގެ ނިޝާންޖަހަށް ޕާޓީތަކަށް ދީފައިވާ މުއްދަތު ހަމަވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަނުން މިހެން ބުނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކޮށް ދިނުމަށް އެދި ޕީޕީއެމްއިން ފޮނުވި ސިޓީގެ ޖަވާބުގައި އެވެ. އެ ފައިސާއަކީ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭ ދޫކޮށް ނިންމަންޖެހޭ ފައިސާ އެކެވެ.
އިނގިލީގެ ނިޝާނާއި އެކު ފޯމް ހުށަހެޅުމަށް ޕާޓީތަކަށް ދީފައިވާ އެއް މަސްދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހަށެވެ.
އިލެކްޝަނުން ޕީޕީއެމްއަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ އިނގިލީގެ ނިޝާން ޖަހަން ދީފައިވާ މުއްދަތު ހަމަވުމުން އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށްފަހު ފައިސާ ދުކުރާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ބުނީ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ފައިސާ ދޫކުރުމަށް ކަމަށެވެ.
ޕާޓީތަކަށް ފައިސާ ދޫނުކުރެވިގެން އުޅެނީ ފޯމްތަކުގައި އިނގިލީގެ ނިޝާން ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފައިވާތީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.