މިިނިސްޓްރީ އޮފް އިކޮނޮމިން ޑެވެލޮޕްމެންޓް (އެމްއީޑީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) ގެ ޕްލެޓިނަމް ޕާޓްނަރ ގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސަވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މިއަދު އެމްއިޑީ ގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްއީޑީ ގެ ފަރާތުން އެއްބަސް ވުމުގައި ސޮއެ ކުރެއްވީ އިކޮނޮމިކް މިނިސްޓަރ އޮފް ސްޓޭޓް އޮނަރަބަލް މުޙައްމަދު އަނީސް އެވެ. އަދި އުރީދޫ މޯލްޑިވްސް ގެ ފަރާތުން ސޮއެ ކުރެއްވީ އުރީދޫ މޯލްޑިވްސް ގެ ހެޑް އޮފް ސޭލްސް އަލްފާޟިލް ޙަސަން ނިޔާޒް އެވެ.
މިއަދުގެ މިރަސްމިއްޔާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އިން ވަނީ މިހެން ބޭއްވޭ ކޮންމެ ކަމެއްގައި ވެސް އުރީދޫ އިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކޮށްފައެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސް ގެ ހެޑް އޮފް ސޭލްސް ވިދާޅުވީ މިއީ އުރީދޫ އިން އެމްއައިއެފް ގައި ބައިވެރިވާ ދެވަނަ ފަހަރު ކަމަށާއި އުރީދޫ އިން ދިވެހި ރާއްޖެއަށް އެގާރަ އަހަރު ޚިދްމަތް ދީފައިވާ އިރު ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް އުރީދޫއިން މިހާރު ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ނިޔާޒް ވިދާޅުވީ މިކަހަލަ ފޯރަމެއްގައި އިންވެސްޓަރުންވެސް އެންމެ ފުރަތަމަ ބޭނުންވާނީ އިންޓަރނެޓް އާއި މިފަދަ ޚިދްމަތްތަށް ލިބުން ކަމަށާއި މި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނަށް އެޚިދްމަތްތަށް އެންމެ ފުރިހަމައަށް އުރީދޫ އިން ދޭން ތައްޔާރަށް ތިބިކަން ޔަޤީން ކޮށްދެއްވާ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން އެންމެ ބޮޑަށް ބޭނުންވަނީ އިކޮނޮމިކް މިނިސްޓްރީ އިން މިބާއްވާ ފޯރަމްގައި އަންނަ އިންވެސްޓަރުންނަށް، ދިވެހި ރާއްޖެއިން ރަނގަޅު އިންޓަރނެޓްގެ ޚިދްމަތް ލިބޭނެ ކަމާއި ޓެލެކޮމް ދާއިރާގައި ދިވެހި ރާއްޖެ އޮތީ އެޚިދްމަތް ދޭން ތައްޔާރަށް ކަމުގެ ޔަޤީންކަން ދޭން ކަމުގައި ވެސް ހަސަން ނިޔާޒް ވަނީ ވިދާޅުވެފައެވެ.
މިޕްލެޓިނަމް ޕެކޭޖަކީ 35،000 އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ކަމަށް ސްޓޭޓް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އޮނަރަބަލް މުޙައްމަދު އަނީސް ވިދާޅުވިއެވެ.