އެމެރިކާގެ ކެންޓަކީ ސްޓޭޓްގެ ލުއިސްވިލް ސިޓީއިން ބަލްޓިމޯ ސިޓީއަށް ދަތުކުރަން އޮތް ސައުތު ވެސްޓް އެއާލައިންގެ ފްލައިޓް ނަމްބަރު 994ގެ ޕަސިންޖަރަކު ގެންގުޅުނު ސެމްސަންގް ގެލެކްސީ ނޯޓް 7 މަރުކާގެ ފޯނަކުން ން ދުން އެރުމުން އެ ފްލައިޓްގައި ތިބި ދަތުރުވެރިން ފްލައިޓުން ބާލައި ފްލައިޓް ހުސްކޮށްފި އެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ދަ ވާޖްގައި ސައުތުވެސްޓް އެއާލައިންގެ ތަރުޖަމާނާ ހަވާލާ ދީ ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
ދުން އެރި ނޯޓް 7 ގެ ފޯނަކީ ބެޓެރީ މައްސަލަ ހައްލުކޮށް ފަހުން ވިއްކި ފޯނެއް ކަމަށްވާއިރު އެ ފޯނު ގެންގުޅުނު ބްރިއަން ގްރީން ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ އޭނާ އެ ފޯނު ގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި ކަމަށެވެ. ބެޓެރީ މައްސަލަ ހައްލުކޮށްފައިވާ ފޯނުތަކުގެ ފޮށީގައި ކަޅުކުލައިގެ ގޮޅިއެއް އިންނާނެ ކަމަށް ސެމްސަންގް ކުންފުނިން ބުނެފައިވާއިރު ބްރިއަންގެ ފޯނުގެ ފޮށީގައި އެ ގޮޅި ކުރަހާފައި އިނެވެ.
މީގެ އިތުރުން ކުރީގެ ބެޗެއްގެ ފޯނެއްތޯ ބެލުމަށް ސެމްސަންގް ވެބްސައިޓްގައި ހާއްސަކޮށްފައިވާ ޕޭޖުގައި ބްރިއަން ގެންގުޅުނު ފޯނުގެ އައިއެމްއީއައި ނަމްބަރު ޖެހުމުން އެ ފޯނަކީ ބެޓެރީ މައްސަލަ ހައްލުކުރުމަށްފަހު ނެރުނު ފޯނެއްކަން ކަށަވަރުކޮށްދެ އެވެ.
ދަ ވާޖް އަށް ދީފައިވާ އިންޓަވިއުއެއްގައި ބްރިއަން ބުނީ އޭނާ ފްލައިޓަށް އެރީ އެ ފޯނު ނިއްވާލުމަށްފަހު ޖީބަށް ލައިގެން ކަމަށާއި ނިއްވާލީ ފްލައިޓް ކްރޫ އެކަމަށް އެދުމުން ކަމަށެވެ. އަދި ފްލައިޓަށް އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފޯނުން ދުން އަރަން ފެށުމުން ފްލައިޓްގެ ތެރެއަށް ފޯނު ވައްޓާލުމަށްފަހު ފްލައިޓުން ފޭބީ ކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ފޯނުން ދުން އެރި އިރު ފޯނުގައި 80 % ޗާޖު ހުންނާނެ ކަމަށާއި އަދި ފޯނުގަތުމަށްފަހު ޗާޖް ކުރުމަށް މުޅިންވެސް ބޭނުންކުރަމުންއައީ ވަޔަލެސް ޗާޖަރު ކަމަށެވެ.