މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުގެ 12:40 ހާއިރު މާލެއިން މާފުއްޓަށް ދަތުރުކުރި ލޯންޗަކުން މާފުއްޓަށް އައިތަނުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި މޯބައިލް ފޯނުތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިންނެވެ. މި ކޮތަޅުތެރެއިން 9 ފޯނަކާއި ޗާޖަރުތަކަކާއި ހެޑް ސެޓްތަކެއް ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްތައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.