މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކުގެ ހެވީލޯޑު މޯލްޑިވްސްއާ ހަވާލުކޮށްފައިވާތީ ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒު ތިން އަހަރަށް ޖަލަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ 21 މިލިޔަން ޑޮލަރަށް އެ މަސައްކަތް ހެވީލޯޑާއި ހަވާލުކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ ނިންމުމުން ކަމަށް ރިޔާޒު ޝަރީއަތުގައި ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި ރިޔާޒުގެ އެ ނިންމުމަކީ އަމިއްލަ ނިންމުމެއްކަމަށާއި އެ ނިންމުމަކީ ތިލަފުށީ ކޯޕަރޭޗަންގެ ހިންގާ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ހުކުމުގައި ވެއެވެ.
ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ނެވެ.
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ނުފޫޒު ބޭނުންކޮށްގެން ހެވީލޯޑާ ހަވާލުކޮށްފައިވާ މައްސަލައި ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ދެ ބޯޑު މެންބަރުން ކަމަށްވާ މއ. ރާހާ އަހްމަދު އަދުލީ ރަޝީދާއި ގ. ރަންގިރީގޭ މުހައްމަދު ވާފިރުގެ މައްޗަށްވެސް ކުރި އެވެ. އެހެން ނަމަވެސް އެ ދެމީހުންނާއި ދެކޮޅަށް އެކަށީގެންވާ ހެކި ދައުލަތަށް ހުށަހެޅީފައި ނުވާތީ ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރީ އެވެ.