މަޝްވަރާތަކުގައި ބައިވެރިވާ ބޭފުޅުން ކައުންސިލުން ކަނޑައެޅުމަށް އަންގައިފި

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕާޓީތަކުން ބައިވެރިވާ ބޭފުޅުން އެ ޕާޓިއެއްގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ކަނޑައެޅުމަށް ރައީސް އޮފީހުން ޕާޓީތަކަށް އަންގައިފި އެވެ.

މިގޮތަށް އަންގާފައިވަނީ ރައީސް އޮފީހުގެ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއި ކުރައްވާ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންފުޅުތައް ޕާޓީގެ ކައުންސިލުން ނިންމުމަށްފަހު އެ އޮފީހަށް ފޮނުވައިދޭން އެދޭ ކަމަށެވެ.

ކުއްލި ގޮތަކަށް މި ސިޓީ ފޮނުވަން ޖެހުނު ސަބަބެއް ނޭނގެ އެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މަޝްވަރާތަކުގައި ބަިއވެރިވާނެ ބޭފުޅުން ވީހާވެސް އަވަހަކަށް ރައީސް އޮފީހަށް އެންގުމަށް އެދޭ ކަމަށެވެ.

އިއްޔެ ޕީޕީއެމް އިން ވަނީ އެ ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުކަން އަންގާފައި އެވެ. އަދި އެގޮތަށް ނިންމީ އެ ޕާޓީގެ ރައީސް  އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ޕީޕީއެމްއިން ބުނެފައިވެ އެވެ.

މީގެ ކުރިން ބޭއްވި މަޝްވަރާތަކުގައި ޕީޕީއެމްއިން ބައިވެރިވެފައިވަނީ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.

ޕީޕީއެމްގެ އިތުރުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ހާމަ ކޮށްފައިވަނީ ޖޭޕީންނެވެ. ޖޭޕީގެ ފަރާތުން ބައިވެރިވާނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

އެމްޑީޕީ އާއި އަދާލަތުން ބުނީ މަޝްވަރާ ކުރުމަށް ފަހު ނަންތައް ހާމަ ކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *