މިދިޔަ އޮގަސްޓް މަހު ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމުގެ ބޯޓު ފުންކޮށްގެން ކަފު ޖަހައިގެން ގެންދަނިކޮށް ފެތިއްޖެ އެވެ.
އެ ބޯޓު ފެތިފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 22:40 އެހާއިރު އެވެ. އެ ބޯޓު ފުވައްމުލަކު ފަރަށް އެރުމުން ފުން ނުކުރެވި ގިނަ ދުވަސް ތަކެއް ވުމުން ބޯޓު ވަނީ ވަރަށް ބޮޑަށް ފޫގޮސްފައި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ބޯޓު ފައްތާލުމުގެ ހުއްދައަށް ބޯޓުގެ ރާއްޖޭގެ އެޖެންޓު ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަނުން އެދު ނަމަވެސް އެ އޮތޯރިޓީން ދީފައި ނުވާ ކަމަށެވެ. ނާފިޒު ވިދާޅުވީ ޖޫރިމަނާ ފައިސާ ނުދައްކަނީސް ބޯޓު ފުރުމުގެ ހުއްދަ ދިނީ އެ ބޯޓު ރާއްޖެއަށް ފެތިއްޖެ ނަމަ ސަރުކާރުން ފައްތާލަން ހުއްދަ ނުދިނީ ކަމަށް ބުނުމުގެ ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓު ފެތުނުކަން އެ ކުންފުނިން ޓްރާންސްޕޯޓު އޮތީރިޓީއަށް އަންގާފައިވާ ކަމަށެވެ. ސަރުކާރުން ހުއްދަ ދިނީ ރާއްޖެއާއި އެންމެ ކައިރީގައިވާ ޑޮކަކަށް މި ބޯޓް ގެންދިއުމަށް ކަމަށެވެ. އަދި އެ ގޮތަށް ނިންމީ ބޯޓުގެ އެޖެންޓާއި ވިއެޓްނާމް ސަރުކާރުން އެގޮތަށް އެ ދުމުން ކަމަށް ނާފިޒު ވިދާޅުވި އެވެ.
ބޯޓުގެ ރާއްޖޭގެ އެޖެންޓު ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަނުން މިއަދު މީޑިއާގައި ބުނެފައިވަނީ އިންޑިއާ ކަނޑަށް ބޯޓު ފައްތާލީ ކަމަށެވެ. އަދި ފައްތާލީ ސަރުކާރުގެ ހުއްދަ އާއި އެކު ކަމަށެވެ.
ފުވައްމުލަކު ފަރަށް އެ ބޯޓު އެރީ އޯގަސްޓަމުގެ 13 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރެވުނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭރު ބޯޓު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.
ބޯޓު ފުން ކުރެވުމުން އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުންތައް ދިރާސާކޮށް ޓްރާންސްޕޯޓު އޮތޯރިޓީއަށް ރިޕޯޓު ހުށަހަޅާފައި އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ އެ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ ތަކެތި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ބޯޓް ފުންކުރުމަށް ދެ ޓަގު ބޭނުންކުރި އެވެ.